ޗެލްސީގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ކުޅެން ބޭނުންވަނީ ސްޕޭނުގެ ރެއާލް މެޑްރިޑަށް ކަމަށް އޭނާގެ އެޖެންޓް ބުނެފިއެވެ.
ނިމިދިޔަ ވަރލްޑް ކަޕުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމު ހޯދި ބެލްޖިއަމްގެ ކީޕަރުގެ އެޖެންޓް ވަނީ ކުޅުންތެރިޔާ މެޑްރިޑަށް ބަދަލުވާން ފުރުސަތު ދިނުމަށް ޗެލްސީއަށް ގޮވާލައިފައެވެ.
މީގެ ތިން އަހަރު ކުރިން ކޯޓުއާ ޗެލްސީއަށް ބަދަލުވީ ލޯނު އުސޫލުން ރެއާލް މެޑްރިޑާ ވާދަވެރި އެތްލެޓިކޯ މެޑްރިޑުގައި ތިން އަހަރު ކުޅެފައެވެ.
މީގެ އިތުރުން އޭނާ ސްޕޭނުގައި ކުޅެން ބޭނުންވާ އަނެއް ސަބަބަކީ އޭނާގެ ދެ ކުދިން އެޤައުމުގައި ދިރިއުޅުމެވެ.
ކޯޓުއާގެ ދެ ކުދިން ދިރިއުޅެނީ އެކުދިންގެ މަންމަ އަދި އޭނާގެ ކުރީގެ ލޯބިވެރިޔާ ގާތުގައި މެޑްރިޑުގައެވެ. މިހެންވެ ދަރިންނާ ގާތުގައި ހުރުމަކީ ކޯޓުއާ އެންމެ އެދޭ ގޮތް ކަމަށް އޭނާގެ އެޖެންޓް ވަނީ ބުނެފައެވެ. އަދި މި ސަބަބުތަކާހުރެ ކޯޓުއާވެސް ވަނީ އޭނާ އަކީ ދެބައިކުޅަ އެއްބައި ސްޕޭން މީހެއް ކަމަށް ބުނެފައެވެ.
މި އަހަރަކީ ޗެލްސީއާއެކު ކޯޓުއާ ހަދާފައިވާ ކޮންޓްރެކްޓްގެ ފަހު އަހަރެވެ. ނަމަވެސް އޭނާ ވިއްކާލުމަށް ޗެލްސީން ދަނީ ދެކޮޅު ހަދަމުންނެވެ. އެއީ ބަދަލުގައި އެފެންވަރުގެ އެހެން ކީޕަރަކު ނުލިބޭތީއެވެ. ޗެލްސީން ގަތުމަށް މަސައްކަތް ކުރި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ ވާދަވެރި ލިވަޕޫލަށް ބަދަލުވެފައެވެ.