މިދިޔަ އަހަރު އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކަށް މީރާއިން ރަންލާރި އެވޯޑްދީފިއެވެ. މީރާއަށް 8 އަހަރު ފުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި 11 ގިންތިއަކުން 17 ފަރާތަކަށްވަނީ އެވޯޑްދީފައެވެ.
ރަންލާރި އެވޯޑަކީ ޓެކްސްއާއިގުޅޭ އެންމެ ގިނަ އިލްތިޒާމްތައް ފުރިހަމަކޮށް އެންމެ ގިނައިން މީރާއަށް ޓެކްސް ދައްކާފައިވާ ފަރާތްތަކަށް މީރާއިންދޭ އެވޯޑެކެވެ. އެގޮތުން ފާއިތުވި އަހަރު، ވިޔަފާރީގެ ދާއިރާއިން ޓެކްސްދައްކާ ފަރާތްތަކުގެ ތެރެއިން މި އެވޯޑް ލިބުނު 3 ފަރާތަކީ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑާއި، ޓްރާންސް މޯލްޑިވްސް އެއަރވޭސްގެ އިތުރުން މޯލްޑިވްސް އިންފުލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ރިސޯޓްތަކުގެ ގިންތީން 250 އެނދަށްވުރެ ގިނައިން އެނދުހުރި ރިސޯޓްތަކުގެ ތެރެއިން އެވޯޑް ލިބިފައިވަނީ ވަން އެންޑް އޮންލީ ރީތިރަށަށެވެ. 150 އެނދާއި 200 އެނދުގެ ގިންތީން ފޯ ސީޒަން މޯލްޑިވްސް ލަނޑާ ގިރާވަރަށް އެވޯޑް ލިބިފައިވާއިރު، 150 އަށްވުރެ ދަށުގެ ގިންތީން އެވޯޑް ހާސިލްކުރީ ޝެވަލް ބްލަންކް ރަންދެލި ރިސޯޓެވެ.
ޓްރެވެލް އެޖެންސީގެ ގިންތީން އެންމެ ގިނައިން ޓެކްސް ދައްކައިގެން ރަންލާރި އެވޯޑް ޙާސިލްކުރީ ކްރައުން ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ. ޓުއަރިސްޓް ހޮޓާ ގިންތީން ހުޅުލޭ އައިލެންޑް ހޮޓެލް އެވޯޑް ހޯދިއިރު، ޓޫރިސްޓް ގެސްޓްހައުސް ގިންތީން އެވޯޑް ހޯދީ އޯޝަން ގްރޭންޑް ގެސްޓަހައުސްއެވެ.
ބޮޑެތި ވިޔަފާރިތަކުގެ ގިންތިން އުރީދޫ މޯލްޑިވްސްއަށް ރަންލާރި އެވޯޑް ލިބުނުއިރު މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އެވޯޑް ހޯދީ ޑީބުލޫ ޕްރައިވެޓް ލިމިޓެޑެވެ. އަދި ކުދިވިޔަފާރީގެ ދާއިރާއިން އެވޯޑް ގެންދިޔައީ ކޮޕިއަރ ޕްލަސް ޕުރައިވެޓް ލިމިޓެޑެވެ.
ފާއިތުވި އަހަރު ވިތް ހޯލްޑިންގ ޓެކްސް އެންމެ ގިނައިން ދައްކާފައިވަނީ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑެވެ. އަދި ބެންކް ޕްރޮފިޓް ޓެކްސް އެންމެ ގިނައިން ދެއްކީ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއެވެ. މީގެއިތުރުން ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ތެރެއިން 2017 ވަނަ އަހަރު އެންމެ ގިނައިން ޓެކްސް ދައްކާފައިވަނީ ދިރާގެވެ.
ރަންލާރި އެވޯޑަކީ 2013 ވަނަ އަހަރުންފެށިގެން މީރާއިން ދެމުންދާ އެވޯޑެކެވެ. މި އެވޯޑް ދިނުމުގެ ބޭނުމަކީ އެ ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް އެހެން ފަރާތްތަކަށްވެސް ޓެކްސް ދެއްކުމަށް ހިތްވަރުދިނުންކަމަށް މީރާއިން ބުނެއެވެ.