ޚަބަރު

ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް މިހާތަނަށް 434 މިލިއަން ރުފިޔާ ޚަރަދު ކުރެވިއްޖެ- ރައީސް


ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް މި ސަރުކާރުން މިހާތަނަށް 434 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި، މިއީ ޔޫތު މިނިސްޓްރީގެ ބަޖެޓަށް ކަނޑައެޅި 300 މިލިއަން ރުފިޔާއަށްވުރެ ބޮޮޑު ހޭދައެއްކަމަށް ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީކުރި 50 ފުޓްސަލް ދަނޑު ރަސްމީގޮތުން ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، މި ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކަށް ބައްލަވާލައްވާފައެވެ. އެގޮތުން ކުޅިވަރުގެ ދާއިރާގެ އުމްރާނީ ތަރައްޤީއަށް އެކަނިވެސް ސަރުކާރުން 434 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މި ފައިސާއަކީ ޒުވާނުންނާއި ކުޅިވަރުގެ މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ 300 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިމޭއިރު މިއަދަދު 500 މިލިއަން ރުފިޔާއަށް އަރާނެކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތްތަކަށް ލިބޭ ބަޖެޓަކީ 27 މިލިއަން ރުފިޔާކަމަށާއި، މި ބަޖެޓަކީ މުވައްޒަފުންގެ މުސާރައާއި ކުޅިވަރުގެ ވަސީލަތްތަކާއި އެނޫންވެސް ޚަރަދުތައް ކުރުމަށް އެ މިނިސްޓްރީއަށް ލިބޭ ހަމައެކަނި ބަޖެޓްކަމަށެވެ. އެހެންކަމުން މީިގެ ނަތީޖާއެއްގެ ގޮތުން، ކުޅިވަރުގެ ގިނަ ވަސީލަތްތައް ޤާއިމް ވެފައި ނުވާކަމަށާއި، ޚާއްޞަކޮށް ކުޅިވަރު ކުޅޭ ދަނޑުތަކާއި ޒުވާނުންގެ މަރުކަޒުފަދަ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދެވިފައި ނުވާކަމަށެވެ.

"ފަސޭހަކަމެއް ނޫނޭ އުނދަގޫ ކަމެކޭ ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަކީ. ޤާއިމް އުނދަގޫކަމަކަށްވާތީ ދޯ އެތައް އަހަަރުތަކެއް ވީއިރު އެ ވަސީލަތްތައް ޤާއިމުވެފައިނެތީ. އަޅުގަނޑުމެންނަކީ ކުރިއަރަން ޝަޢުގުވެރިކަން ނެތް ބައެއް ނޫން. ކުޅިވަރުގެ މި ތަރައްޤީއަށް ހުރިހާ އެތުލީޓުން ފެންބޮވައިގަނފަހުރި މިންވަރު އެނގެނީ އޭގެ ކުރިން މިކަންކަން ނުވެފަހުރީމަ"- ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި އެންމެ ގަދަ ހިސާބުތަކުގައި ބޮޑެތި ފުޓްބޯޅަ ދަނޑުތަކެއް ޤާއިމްކޮށްދެއްވާނެކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ހުޅުމާލޭގައި ބައިނަލްއަޤްވާމީ ސްޓޭޑިއަމެއް ޤާއިމު ކުރުމަށް ނިންމާފައިވާއިރު، ފީފާ ޤަބޫލުކުރާ ފެންވަރުގެ ފުޓްބޯޅަ އެކަޑަމީއެއްވެސް ހުޅުމާލޭ ޔޫތު ސިޓީގައި ޤާއިމު ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި، ދަރުމަވަންތަ ހޮސްޕިޓަލާއެކު ކުޅިވަރުގެ ބޭސްފަރުވާއަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތަކާއި، ކުޅިވަރު ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާތަކަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުން ލިބޭ އަނިޔާތަކަށް ޚާއްޞަ ރިހިބިލިޓޭޝަން ތެރަޕީގެ ޚިދުމަތް ލިބޭނެގޮތްވެސް ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން ޒުވާނުންނާއި ކުޅިވަރު ތަރައްޤީކުރުމަށް ގިނަ ހޭދަތަކެއް ކުރައްވަނީ، މި ދާއިރާއަށް ދޭ އަހަންމިއްޔަތުގެ ސަބަބުން ކަމަށާއި، އޭގެ ހެޔޮ ނަތީޖާ ދިވެހި މުޖުތަމަޢުން ފެންނަމުންދާކަމަށެވެ. ޒުވާނުންނަކީ އުފެއްދުންތެރި ބަޔަކަށް ހެދުމަށް މި ސަރުކާރުން މިހާތަނަށް ކުރި މަސައްކަތުން، ކުރީގެ ސަރުކާރުތަކާ އަޅައިބަލާއިރު 100 އަކުން 35 އިންސައްތަ ކުށް މަދުކުރެވިފައިވާކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.