ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ޒުވާނުންނަށް ޚާއްޞަ އެމްޕްލޮއިމެންޓް ސްކީމެއް ތަޢާރަފްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދޭ އެއްދާއިރާއަކީ ޒުވާނުން ކުރިއެރުވުމުގެ ދާއިރާއެވެ. ޒުވާނުންނަށް ވަޒީފާތައް ފަހިކޮށްދެއްވައި، ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކޮށްދެއްވުމަށާއި، ތަޢުލީމާއި ސިއްޙަތު އަދި ބޯހިޔާވަހިކަމާއި އެނޫންވެސް ވަސީލަތްތައް ފޯރުކޮށްދިނުމަށް އިސްކަންދެއްވައެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ފުޓްސަލް ދަނޑުތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރަކުން ރިސޯޓްތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދީފައިނުވާކަމަށެވެ. މިވަގުތު ރިސޯޓްތަކުގައި އަށާރަ ހާހެއްހާ ދިވެހި ޒުވާނުން ވަޒީފާ އަދާކުރަމުން ގެންދާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ތަސައްވުރުގެ ތެރެއިން ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ އެމްޕުލޮއިމަންޓް ސްކީމެއް ތަޢާރަފްކުރައްވާނެކަމަށެވެ.
އެސްކީމް އެންމެ ފުރަތަމަ ފަށާނީވެސް ސަތޭކަ މިލިއަން ރުފިޔާއާގެ ރައުސްމާލާއެކުކަމަށާ، އެއީ އެފަދަ ސްކީމަކަށް ބޮޑު ޢަދަދެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ ސްކީމަށް ރިސޯޓްތަކުގައި ވަޒީފާއަދާކުރާ ޒުވާނުންގެ ފަރާތުން ލިބޭ ތަރުހީބަށް ބެލުމަށްފަހު، އެޢަދަދު ބައި ބިލިއަން ރުފިޔާއަށް މަތިކުރައްވާނެކަމަށްވެސް ރައީސް ވިޑާޅުވިއެވެ. މިއީ ރިސޯޓްތަކުގެ މުވައްޒަފުން ބައިވެރިވުން ލާޒިމް ސްކީމެއް ނޫންކަމަށާއި، ނަމަވެސް ބައިވެރިވާ ޒުވާނުންނަށް ގިނަ ފައިދާތަކެއް ކުރާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޒުވާނުން ބައިވެރިވުމާއެކު އެސްކީމްގެ މަންފާ ޒުވާނުންނަށްލިބި ސްކީމްގެ ހިއްސާދާރުންނަށް ވެވޭނެކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މި ސްކީމްގެ އެންމެބޮޑު ބޭނުމަކަށްވާނީ ރިސޯޓުތަކުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް އެންމެ ބޮޑަށް ދިމާވެފައިވާ ކަންކަން ހައްލުކުރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މާލޭ ސަރަޙާއްދުގައި ޢިމަރާތްކުރާ ހިޔާ މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަން ނުވަތަ އެ ޒުވާނަކު ނިސްބަތްވާ ރަށެއްގައި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތުވެސް ލިބެނޭކަމަށެވެ.
މީގެ އިތުރުން އެފަރާތްތަކުގެ ޢާއިލާއަށް ބޭނުންވާ ކަންކަންވެސް މި ސްކީމްގެ ދަށުން ކުރުމުގެ ފުރުސަތު ފަހިވާނެކަމަށާ، އޭގެ ތެރޭގައި ތަޢުލީމާއި ބޭސްފަރުވާއަށް ހޭދަކުރެވޭނެކަމަށް ރައީސްވިދާޅުވިއެވެ. އަދި ތަފާތު ދާއިރާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުގައިއިންވެސްޓްކުރުމަށްވެސް މި ސްކީމްގެ ދަށުން ލިބޭ ފައިސާ ހޭދަކުރުމަށް ފުރުސަތު ދެއްވާނެކަމަށާއި، ޚާއްޞާކޮށް އިންޓެގްރޭޓެޑް ޓޫރިޒަމްގެ ތެރެއިންވެސް އިންވެސްޓްކޮށް ހިއްސާގަތުމަށް ފުރުސަތު ހުޅުވާލާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ފަށްޓަވާފައިވާ އިޤްތިޞަދީ މަޝްރޫޢުތައް ނިމުމާއެކު ޒުވާނުންނަށް ގިނަ ވަޒީފާތަކެއް ހުޅުވިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ރިސޯތްތަކަކަކީ ސައްތަ އިންސައްތަ ޒުވާނުން ވަޒީފާ އަދާކުރާ ތަންތަނަށް ހެއްދެވުމަކީވެސް އެމަނިކުފާނުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ. މި ސްކީމްގެ އެންމެ ބޮޑު ބޭނުނަކީ، ގިނަ ޒުވާނުން ހަރަކާތްތެރިވާ ރިސޯޓް ވަޒީފާގެ ދާއިރާގައި ތިބި ޒުވާނުން އެދާއިރާގައި ބެއިތިއްބުމަށާއި، އެ ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުން އުފެއްދުންކަމަށެވެ. މި މަޝްރޫޢާއެކު ޒުވާނުންނަކީ އުފެއްދުންތެރި އަދި ކުށުގެ ވެށިން ސަލާމަތްވެފައިވާ ބަޔކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.