ޚަބަރު

"ޕޯޓް ހިޔާ ހައުސިންގ ސްކީމް" އިފްތިތާހްކޮށްފި


ހިޔާ މަޝްރޫޢުގެ ދަށުން މުވައްޒަފުންނަށް ފްލެޓް ދޫކުރާ އުސޫލުތައް ކަނޑައަޅައި އެމް.ޕީ.އެލްގެ "ޕޯޓް ހިޔާ ހައުސިންގ ސްކީމް" ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާ ވަހިކަމުގެ އެންމެ ބިޔަ މަޝްރޫ، "ހިޔާ" ގެ ދަށުން އެމް.ޕީ.އެލުން ޢިމާރާތްކުރާ ތިން ޓަވަރުގެ 432 އެޕާޓްމަންޓަށް ކުރިމަތިލުމަށް ހުޅުވާލައި، އެކަމުގެ ސްކީލް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މާލޭ ނޯތް ޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނަމިކް ޑޮވޮލޮޕްމަންޓް މުޙައްމަދު ސަޢީދެވެެ.

މިރަސްމިއްޔާތުގައި "ޕޯޓް ހިޔާ ހައުސިންގ ސްކީމް"ގެ ތެރެއިން ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް، އެމް.ޕީ.އެލްގެ ޑިވިޝަންތަކާ ޙަވާލުކޮށްފައިވާއިރު، އަންނަ އޮގަސްޓް މަހުގެ 1 އިން ފެށިގެން 31 ގެ ނިޔަލަށް ފުލެޓަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އެމް.ޕީއެލުން ވަނީ ހާމަކޮށްފައެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އެމް.ޕީއެލުން ތަރައްޤީކުރާ ފްލެޓްތަކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، މުޅި މަޝްރޫޢު އަންނަ އަހަރުގެ ނިޔަލަށް ނިންމައި ފްލެޓްތައް ހަވާލުކުރެވޭވަރުވާނެކަމަށް އެމް.ޕީ.އެލުން ވަނީ ބުނެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ އިބްރާހިމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއިރު، ފްލެޓްތައް ގަތުމަށާއި ޑައުންޕޭމަންޓް ދެއްކުމަށް ކުންފުނީގެ މުވައްޒަފުންނަށް ލުއި ފަސޭހަ ގޮތްތަކެއް ކުންފުނިން ހަމަޖައްސައި ދީފައިވާނެކަމަށެވެ.

މިހާރު ކުރިއަށްދާ ފްލެޓްތަކުގެ މަސައްކަތް ނިމުނުނަމަވެސް ކުންފުނީގެ ވިސްނުންހުރީ ހުރިހާ މުވައްޒަފުންނަށްވެސް ފްލެޓް ޔަގީންވާނެ ފަދަ މަޝްރޫޢުތަކެއް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށް ގެންދިއުމަށްކަން ފާހަގަކުރައްވަމުން ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ހިޔާ މަޝްރޫޢުގެ ދަށުން އެންމެ ހެޔޮއަގެއްގައި މުވައްޒަފުންނަށް ފްލެޓް ދޫކުރާ ކުންފުންނަކަށް އެމް.ޕީއެލް ވެގެންދާނެކަމަށެވެ.

ހިޔާ މަޝްރޫޢޫގެ ދަށުން އެމްޕީއެލުން ޢިމާރާތްކުރަމުންދާ ޓަވަރުތަކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، އެމްޕީއެލުން ޢިމާރާތްކުރާ ތިން ޓަވަރަކީ ސާދަ ފަންގިފިލާގެ ތިން ޓަވަރެެވެ. މީގެތެރޭގައި ހިމެނެނީ އެއްކޮޓަރީގެ 204 އެޕާރޓްމެންޓާއި، ތިން ކޮޓަރީގެ 330 އެޕާރޓްމެންޓެވެ.