ޚަބަރު

މި ސަރުކާރުން ބޭނުންވަނީ ރިސްކް ނަގައިގެންވެސް އިންވެސްޓްމަންޓް އިތުރުކުރަން - ފިނޭންސް މިނިސްޓަރ


މި ސަރުކާރުން ބޭނުންވަނީ ރިސްކް ނަގައިގެންވެސް އިންވެސްޓްމަންޓް އިތުރުކުރަންކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ދާދިފަހުން މޫޑީސް އިންވެސްޓަރސް ސަރވިސަސްއިން ހެދި ކްރެޑިޓް ރޭޓިންގ ގައި ރާއްޖޭގެ ރޭޓިން ދަށްވެފައިވާކަމަށް ބުނެ ދެކެވެމުންދާ ދޮގު ކުރައްވާ މިނިސްޓަރ މުނައްވަރު ވިދާޅުވީ، ކުރިންދިޔަ ހުރިހާ ސަރުކާރުތަކުންވެސް ރޭޓިން ހަދާފައިވާކަމަށާއި، ނަމަވެސް ރައްޔިތުންނަށް އެކަން ހާމަކޮށްދޭން ކެރުނު ހަމައެކަނި ރައީސަކީ މިހާރުގެ ރައީސްކަމަށެވެ. އެކަމުން ހަމަވެގެންދާ ކަމަކީ މި ސަރުކާރުން ބޭނުންވަނީ ރިސްކް ނަގައިގެންވެސް އިޤްތިސާދު އިތުރަށް ފުޅާކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ވަރަށްގިނަ ފަރާތްތަކުން ފާހަގަކުރެއްވި ކީތްވެގެންހޭ ރާއްޖެ ރޭޓިންގ ކޮށްފަ އަޅުގަނޑުމެން ކަބަޑަށްލާފަ ފޮރުވާފަ މި ނުބޭއްވީ. ބޭއްވިދާނެ އެހެންނު މިސަރުކާރަށްވެސް. ކުރިންދިޔަ ހުރިހާ ސަރުކާރުތަކުންވެސް އޮތީ ރޭޓިންގ ހަދާފަ އިނގޭތޯ. އަޅުގަނޑުމެންނަށް ހިސާބުތައް ފެންނަން އެބަހުރި. ހަމަ ފޮރުވާފަ ބާއްވަން ވީނޫންތޯ. އެކަމަކު މިސަރުކާރުން ބޭނުންވަނީ ހިރާސްތަކެއް ނުވަތަ ރިސްކްތަކެއް ނަގާފަ އަޅުގަނޑުމެން ޤައުމަށް ބޭނުންވާނެ އިންވެސްޓްމަންޓް އިތުރުކުރަން." އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.

ސަރުކާރުން ތަރައްޤީގެ ބިޔަ މަޝްރޫއުތައް ހިންގަމުންދާއިރު ދަރަނި ނުދެއްކޭނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކަތަކަށްވެސް މިނިސްޓަރ ވަނީ ރައްދުދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ އެހެން ސަރުކާރުތަކުން ވާރުތަވެފައިވާ ދަރަނިތައްވެސް މި ސަރުކާރުން ދައްކައި ޚަލާސްކޮށްފައިވާކަމަށެވެ. އެގޮތުން މި ސަރުކާރުން 270 މިލިއަނަށްވުރެ ގިނަ ޑޮލަރު ޖީއެމްއާރަށް ދައްކައި ޚަލާސްކޮށްފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ފޮރިން އެކްސްޗޭންޖް ރިޒާރވް ގެ އިތުރުން ދަރަނީގެ ސަބަބުން ދިމާވެދާނެ ހިރާސްތައް ކުޑަކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ސޮވްރިންގ ޑެވަލޮޕްމެންޓް ފަންޑެއް އެކުލަވާލާފައެވެ. މި ފަންޑަށް މިހާރުވެސް ޖީޑީޕީގެ ނިޞްބަތުން 1.6 އިންސަތަ ޖަމާކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި 2022 ވަނަ އަހަރުގެ ނިޔަލަށް މި ފަންޑުގައި ޖީޑީޕީގެ ނިޞްބަތުން 8 އިންސައްތަ ހުންނާނެކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ. މިއީ 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ޢަދަދެކެވެ.