ޚަބަރު

ޒުވާނުން މާލޭގެ މޫދު ސާފުކުރަން މާދަމާ ނިކުންނަނީ



ޒުވާނުން އިސްނަގައިގެން މާލޭގެ މޫދު ސާފުކުރުމުގެ ޚާއްސަ ޙަރަކާތެއް މާދަމާ ކުރިއަށް ގެންދަން ނިންމައިފިއެވެ.

''މޫދުގެ ދަރިން މޫދަށްޓަކައި '' މި ނަމުގައި ހިންގާ ސާފުކުރުމުގެ ޕްރޮގްރާމަކީ، މޫދާ މޫދު ޞަރަޙައްދަށް އަޅާފައި ހުންނަ ކުނިބުނި ނެގުމަށް ޒުވާނުންގެ އިސްނެގުމުގެ މަތިން ހިންގާ ޕްރޮގްރާމެއް ކަމަށް މިކަން އިންތިޒާމުކުރާ ކޮމިޓީން ބުނެއެވެ. މި ޕްރޮގުރާމު ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ ޒުވާނެއްކަމުގައިވާ މުޙައްމަދު މައިޝާން ޝިޙާމް ބުނީ، ސާފުކުރުމުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އަށެއް ޖަހާއިރު މޭރީ ބްރައުން ކުރިމަތިން އިންޑަސްްޓްރިއަލް ވިލެޖުން ކަމަށެވެ. މިޕްރޮގުރާމްގައި ގިނަ ޢަދަދެއްގެ ޒުވާނުންނާއި، ފުލުހުންނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއިން ބައިވެރިވުމަށް ހަމަޖެހިފައިވާކަން އޭނާ ބުންޏެވެ.

'' މާދަމާ ހެނދުނު އަށެއް ޖަހާއިރު އިންޑަސްޓްރިއަލް ވިލެޖް ކުރިމަތިން ފަށާނީ، ފުރަތަމަ ގްރޫޕްތަކަށް ބަހާލައިގެން، ރަސްފަންނާއި، ޓްރެކް ފަދަ ތަންތަނަށް ދާނީ. މި ޕްރޮގްރާމްގެ ތެރެއިން އެސަރަޙައްދުގައި އެމްއެންޑީއެފްއިން އިސްނަގައިގެން ޑައިވިންގ ދަސްކޮށްދިނުމުގެ ޕްރޮގްރާމަށް ސައިން އަޕް ކޮށްލެވޭނެ، މިކަހަލަ އޮޕަރޗުނިޓީސް ލިބޭނެ އެތަނުން '' އިންތިޒާމްކުރާ ކޮމިޓީ މެންބަރެއްކަމުގައިވާ މުޙައްމަދު މައިޝާން ޝިޙާމް ބުންޏެވެ.

"މޫދުގެ ދަރިން މޫދަށްޓަކައި" މި ޕްރޮގްރާމުގެ މެންބަރެއް ކަމަށްވާ އަޙުމަދު އައިހަމް ނިޔާޒް ބުނީ، ސާފުކުރުމުގެ ޕްރޮގްރާމްގައި 150 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވާއިރު، އަމިއްލަ ޖަމްޢިއްޔާތަކާއި އެކި އިދާރާތަކުގެ އެއްބާރުލުން މި ޕްރޮގްރާމަށް ލިބެމުން އަންނަ ކަމަށެވެ.

'' މި ޕްރޮގްރާމްގައި ފުލުހުހުންނާއި، އެމްއެމްޑީއެގް، އެންޖީއޯސް އަދި ޒުވާނުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭ ކަން ފާހަގަކުރަން. އަޅުގަނޑުމެން އެދެނީ ވީހާވެސް ގިނަ ބަޔަކު މިކަމުގައި ބައިވެރިވުން '' އިންތިޒާމްކުރާ ކޮމިޓީ މެންބަރެއްކަމުގައިވާ އަޙުމަދު އައިހަމް ނިޔާޒް ބުންޏެވެ.

ސާފުކުރުމަށްފަހު ނަގާ ފުޅި ފަދަ ތަކެތި ރީސައިކަލް ކުރުމަށް ހަމަޖެހިފައިވާ ކަމަށް "މޫދުގެ ދަރިން މޫދަށްޓަކައި" ޕްރޮގުރާމުގެ އިންތިޒާމު ކޮމިޓީން ބުނެއެވެ.
ސާފުކުރުމުގެ ޕްރޮގްރާމްގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަށް މިކަން އިންތިޒާމްކުރާ ކޮމިޓީން އެދެއެވެ.