ފުރަތަމަ ފަހަރަށް ރާއްޖޭގެ ކްރެޑިޓް ރޭޓިނގްއެއް ހެދި މޫޑީސް އިންވެސްޓާރސް ސަރވިސަސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިނގް ބީ-2 ގައި ދެމެހެއްޓުމަށް ނިންމައިފިއެވެ. ނަމަވެސް މި ރޭޓިންގ ދަށްވެދާނެކަމަށް ބަލައި ނެގެޓިވް އައުޓްލުކެއް މޫޑީސްއިން ވަނީ ދީފައެވެ.
މޫޑީސް އިންވެސްޓަރ ސަރވިސަސްއިން ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ސިޔާސަތައް ބަލައި ރާއްޖެއަށް ދީފައިވަނީ B2 ރޭޓިންގ އެކެވެ. މި ރޭޓިންގ އިން ދައްކުވައިދެނީ ރާއްޖޭގެ އިޤްތިޞާދު ދުޅަހެޔޮ ކަމެވެ. ތަރައްޤީވަމުން އަންނަ ގައުމުތަކާއި ކުދި އިޤްތިޞާދުތައް ހިމެނޭ މި ރޭޓިންގ މޫޑީސްއިން ރާއްޖެއަށް ދީފައި ވަނީ، ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދުވެލި އެކަށީގެންވާ ރަނގަޅު މިންވަރަކަށް ކުރި އަރާނެ ކަމަށް ލަފާކޮށްފައެވެ.
މޫޑީސްއިން އިއްޔެ ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު މޫޑީސްއިން ރާއްޖެއަށް ދިން B2 ރޭޓިންގ ދެމެހެއްޓުމަށް ނިންމާފައިވާކަމަށެވެ. އަދި މި ބަޔާނުގައި މޫޑީސް އިންވަނީ ސަރުކާރުން ރާއްޖޭގެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށާއި، އިޤްތިޞާދު ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމަށް ކުރިއަށްއޮތްތަނުގައި ކުރިއެރުންތަކެއް އަންނާނެކަމަށް ފާހަގަކޮށްފައެވެ. އަދި މި މަޝްރޫޢުތަކުގެ ނަތީޖާއެއްގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައި، އިޖްތިމާއީ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް މޫޑީސްއިން ވަނީ ލަފާކޮށްފައެވެ.
ނަމަވެސް އިގްތިސާދީ ދުވެލި ދެމެހެއްޓެނިވި މަގަކަށް ގެންދިއުމަށްޓަކައި އިގްތިސާދު ފުޅާކޮށް ސިނާއަތްތައް އިތުރު ކުރުމުގެ މުހިންމުކަން މޫޑީސްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ސަރުކާރުގެ ދަރަނި ވޭތުވެދިޔަ އަހަރުތަކުގައި އިތުރުވެފައިވުމާއި، މި ދަރަނިތައް އަދާކުރުމަށްޓަކައި ބޮޑެތި ހޭދަތަކެއް ކުރަންޖެހިފައިވުމަކީ ރާއްޖޭގެ އިޤްތިޞާދަށް އޮތް ނުރައްކަލެއްގެ ގޮތުގައި މޫޑީސްއިން ވަނީ ފާހަގަކޮށްފައެވެ. ދަރަނީގެ ސަބަބުން އިޤްތިޞާދަށް ނުރައްކާ ވެދާނެކަމަށް ލަފާކުރެވުނު ނަމަވެސް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރމަހު ރާއްޖެއަށް ދިން B2 ރޭންކިން ދަމަހައްޓުމަށް މޫޑީސްއިން ނިންމާފައިވަނީ އިޤްތިޞާދީ، އަދި ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ އުންމީދު އޮތްކަމަށް ބުނެއެވެ.
ދަރަނީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ނުރައްކާވެދާނެކަމަށް މޫޑީސްއިން ބުނެފައިވާއިރު، ސަރުކާރުންވަނީ ދަރަނީގެ ސަބަބުން ދިމާވެދާނެ ހިރާސްތައް ކުޑަކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ސޮވްރިންގ ޑިވަލޮޕްމެންޓް ފަންޑެއް އެކުލަވާލާފައެވެ. ފިނޭސް މިނިސްޓްރީން ބުނީ، ދަރަނީގެ ސަބަބުން ދިމާވެދާނެ ހިރާސްތައް ކުޑަކުރުމަށް އެކުލަވާލާފައިވާ ފަނޑަށް މިހާރުވެސް ޖީޑީޕީގެ ނިސްބަތުން 1.6 އިންސަތަ ޖަމާކޮށްފައިވާކަމަށެވެ. އަދި 2022 ވަނަ އަހަރުގެ ނިޔަލަށް މި ފަނޑުގައި ޖީޑީޕީގެ ނިސްބަތުން 8 އިންސައްތަ ހުންނާނެކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ. މިއީ 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ޢަދަދެކެވެ.
މީގެ އިތުރުން ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދީ ދުވެލި އިތުރަށް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ވަނީ ރިކަރަންޓް ޚަރަދުތައް ކުޑަކޮށް، ބެޖެޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 3.1 އިންސައްތައަށް ކުޑަކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން B2 ގައި ދެމެހެއްޓުމަށް ނިންމުމަކީ ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާއަށް ލިބުނު ކާމީޔާބީއެއް ކަމަށެވެ. އަދި އިޤްތިޞާދީ އަދި އިޖްތިމާއީ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖޭގައި ކުރިއަށްދާ މިދަނޑިވަޅުގައި ދިވެހި ދައުލަތުގެ ދަރަނި ބޮޑުކަމަށްބުނެ މޫޑީސްއިން ކަންބޮޑުވުން ފާޅުކުރިނަމަވެސް، ކުރިއަށްއޮތްތަނުގައި މި މަޝްރޫޢުތަކުގެ ފައިދާ މުޅި އިޤްތިޞާދަށް ލިބި އިޤްތިޞާދު ފުޅާވެ، ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ސޮވެރިން ކްރެޑިޓް ރޭޓިންއަކީ ގައުމެއްގެ ދަރަނީގެ ރިސްކާއި، އިޤްތިޞާދީ ޙާލަތު ތިންވަނަ ފަރާތަކުން ހަމަހަމަ ގޮތެއްގައި ބެލުމަށްފަހު ހާމަކުރާ މިންގަނޑެކެވެ. މި ރޭޓިންގ އަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި، އިންވެސްޓަރުން އިތުބާރުކުރާ އަދި މާލީ ނިންމުންތައް ނިންމުމުގައި ބަލާ މުހިންމު މިންގަނޑެކެވެ.
ސޮވްރިން ކްރެޑިޓް ރޭޓިންގ އިން ސަރުކާރުން މާލީގޮތުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމުގެ ފުރުޞަތު އޮތް މިންވަރާއި، އިންވެސްޓަރުންނަށް ޤައުމެއްގައި އިންވެސްޓްކޮށްގެން ލިބޭނެ މާލީ ކަށަވަރުކަން ދައްކުވައިދެއެވެ. ރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ކްރެޑިޓް ރޭޓިންގ އެއް ހަދާފައިވަނީ މިސަރުކާރުންނެވެ.