މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަކީ އިންސާފުވެރި ތަނެއް ނޫންކަމަށާއި އިލެކްޝަންސް ކޮމިޝަން ބަދަލު ކޮށްފައި ނޫނީ އިންތިޚާބުގައި ވާދަ ނުކުރާނޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ ފާޑުކިއުމަށްފަހު ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިދިކޮޅު އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހްގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.
މިއަދު އިލެކްޝަންސް ކޮމިޝަންގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުމް ފޯމާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފެވެ. އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށައެޅުއްވި ފުރަތަމަ ފަރާތްކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވަފާނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަންގެ އިދާރާ ހިމެނޭ ސަރަހައްދަށް އެއްވެ މުޒާހަރާކޮށް އަޑު އުފުލުމަށްފަހު އެކޮމިޝަނަށް ފޯމު ހުށަހެޅުމުން އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދިޔަ ވާހަކަ ތަކަކީ އެއްވެސް ބުރަދަނެއް ނެތް ވާހަކަ ތަކެއްކަން ސާބިތު ވެއްޖެ ކަމަށް ޕީޕީއެމަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ވެސްދަނީ ބުނަމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވީ އިބްރާހިމް މުޙައްމަދު ސާލިހްގެ ކެނޑިޑެންސީ އާމެދު ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމާނެކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ފޯމް ހަވާލުވިކަމުގެ ލިޔުން ހަވާލުކުރާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ކެނޑިޑެންސީ ފޯމް ހުށައެޅުއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިބްރާހީމް މުޙައްމަދު ސާލިޙް ވިދާޅުވީ، އިންތިޚާބާއި ގުޅިގެން މިހާތަނަށް ހުރި ކަންބޮޑުވުންތަކުގެ ވާހަކަ މިއަދު އިލެކްޝަންސް ކޮމިޝަނާއި ހިއްސާކުރެއްވިކަމަށާއި، އެއްވެސްކަމެއް އޮންނަ އުސޫލާޚިލާފަށް ހިނގިޔަ ނުދޭނެކަމުގެ ޔަގީންކަން އިސީން ދީފައިވާކަމަށްވެސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ޕީ.ޕީ.އެމްއާ، އެމް.ޑީޕީ ގެ އިތުރުން ހަތް ފަރާތަކުން ރިޔާސީ އިންތީޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ގެންގޮސްފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު 2018 ގައި ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިތުރުކޮށްފައެވެ.