މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މާދަމާ ރޭ އޮންނާނެއެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 9 ޖަހާއިރު ޖުމްހޫރީ މައިދާނުގައެވެ.
މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމް މިއަހަރު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި، ޝަރަފުގެ މެޑެއްޔާއި، ހަނދާނީ ލިޔުން ދެއްވުން އޮންނާނެއެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ހަނދާނީ ފިލައާއި، ހަނދާނީ ލިޔުން ދެއްވުންވެސް މި ޖަލްސާގައި އޮންނާނެއެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 5 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 15 ބޭފުޅަކަށް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.
މީގެ އިތުރުން މި ޖަލްސާގައި މިއަހަރު މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، ހަނދާނީ ލިޔުން ދެއްވުމާއި، އެހެނިހެން ޙާއްސަ އިނާމް ދެއްވުމަށް ހަމަޖެހިފައިވާއިރު، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު 24 ބޭފުޅަކަށް ދިނުމަށް ޚާއްސަ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. ހަމައެހެންމެ ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައްޔާރުކޮށްފައިވާ ހަނދަނީ ފައިސާފޮތި ނެރެދެއްވުންވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި އޮންނާނެއެވެ.
މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ބަލާލާއިރު، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި، ކުޅިވަރުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 27 ވާ ހުކުރު ދުވަހުގެ ރޭ 9 ޖަހާއިރު ގަލޮޅު ރަސްމީ ދަނޑުގައެވެ. އަދި މިނިވަން ދުވަހުގހެ މުނާސަބަތުގައި ބާއްވާ ޕްރޭޑާއި، ރޫޓް މާޗް މިމަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ހަވީރު މާލޭގެ ހުރިހާ ބޮޑެތި މަގުތަކުގައި އޮންނާނެއެވެ. މި ރޫޓުމާޗުގައި އެމް.އެން.ޑީ.އެފްގެ ޕެރޭޑާއި، ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމާއި ލަޝްކަރު ބައިވެރިވާނެއެވެ.