ތަރައްްޤީ

ވީއައިއޭ ޕާކިންގ އޭރިއާ ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކަންފަށައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޕާކިންގ އޭރިއާއެއް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ފަށައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވެހިކަލް ޕާކުކުރާނެ ޖާގަ އިތުރުކުރުމަށްޓަކާ ހުޅުލޭ ދެކުނު ހުޅަނގު ފަރާތުން 2.5 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މުސާ ވިދާޅުވީ، ޕާކިންގ އޭރިއާ ތަރައްޤީކުރުމަށްޓަކާ ބޭނުންވާ ބިން ހިއްކުމާއި، އެ ސަރަޙައްދުގެ ޝޯވ ޕްރޮޓެކްޝަންގެ މަސައްކަތް އަންނަމަހުގެ މެދެއްހާތާނގައި އެއްކޮށް ނިންމާލެވޭނެކަމަށެވެ. އަދި ހުޅުލޭގައި އަލަށް ތަރައްޤީކުރާ ޕާކިންގ އޭރިއާއަކީ މާލެއާއި ހުޅުލެއާއި ދެމެދު ތަރައްޤީކުރާ "ސިނަމާލެ ބްރިޖް" މެދުވެރިކޮށް އެއަރޕޯޓަށް އެތެރެވާ ވެހިކަލްތައް ޕާކުކުރުމަށް ޙާއްސަކޮށްގެން ތަރައްޤީކުރާ ސަރަޙައްދެއްކަމަށްވެސް ޢާދިލް ވިދާޅުވިއެވެ.

އެއަރޕޯޓުގައި ޕާކިންގ ސަރަޙައްދެއް ތަރައްޤީކުރުމަށް ނިންމާ، ހުޅުލެއަށް ފެރީތައް ވަނުމަށް ބޭނުންކުރި ހުޅަނގުފަރާތު ނެރު މިހާރު ވަނީ ބަންދުކޮށްފައެވެ. ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލަށް ތަރައްޤީކުރާ ޕާކިންގ ސަރަޙައްދުގައި ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ކާރާއި، 300 އަށްވުރެ ގިނަ ސައިކަލް ޕާކު ކުރެވޭނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އަދި އަމާޒަކީ ބްރިޖު ރަސްމީކޮށް ހުޅުވުމާއެކު ޕާކިންގ އޭރީއާ ބޭނުން ކުރަން ފެށުންކަމަށްވެސް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން، ހުޅުލެއާއި ހުޅުމާލެ ގުޅާލާ ހައިވޭ ހަދަމުންދަނީ އެއަރޕޯޓްގައި މިހާރު ބޭނުންކުރާ މަގު އޮތްތަނުގައިކަމަށްވުމުން، އެ ސަރަޙައްދުގައި އިތުރު މަގެއް މިހާރު ވަނީ ތަރައްޤީކޮށްސ ނިންމާފައެވެ. ހުޅުލެއާއި ހުޅުމާލެ ހައިވޭއާއި އިންވެގެން ތަރައްޤީކޮށްފައިވާ މިމަގަކީ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މަގެކެވެ.

ބްރިޖު ރަސްމީކޮށް ބޭނުންކުރަން ފެށުމާއެކު، ދުވާލެއްގެ މައްޗަށް މާލޭ މަގުން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެއަށް އެއްގަމު މަގުން އެތައް ވެހިކަލްތަކެއް ދަތުރުކުރާނެކަމަށް ބެލެވޭއިރު، އެކަމުގެ ސަބަބުން ހުޅުލޭގެ އެތެރޭގެ ޓްރެފިކަށް ކުރާ އަސަރު ކުޑަކުރުމަށްޓަކާ އެކަމަށް ވާންޖެހޭ ތައްޔާރީތައް އެމް.އޭ.ސީއެލުން މިހާރުވެސް އަންނަނީ ވަމުންނެވެ.