ދިވެހިބަހުގެ އެކެޑަމީގެ ޤަވާއިދު ކޮމެޓީގެ 100 ވަނަ ބައްދަލުވުން ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު މާބަލް ހޮޓެލުގައެވެ. ދިވެހިބަހުގެ އެކެޑަމީގެ ޤަވާޢިދު ކޮމެޓީގެ 100 ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާފައިވަނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީއެވެ.
ދިވެހިބަހުގެ އެކެޑަމީގެ ޤަވާޢިދު ކޮމެޓީއަކީ ދިވެހިބަސް ބޭނުންކުރަންޖެހޭ ހަމަތަކާއި، އުޞޫލުތައް ކަނޑައަޅައި، ބަހުގެ ޤަވާޢިދު އެކުލަވާލައި، އެކަންކަން ޢާންމުކޮށް ފެތުރުމުގެ މަޤްޞަދުގައި 2013 ވަނަ އަހަރު އެކުލަވާލި ކޮމެޓީއެކެވެ. އެކޮމެޓީގެ 100 ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީ ވިދާޅުވީ، ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތައް ދަމަހައްޓާ، އެކަންކަމުގެ ސައްޙަ މަޢުލޫމާތު އާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ބަހުގެ އެކެޑަމީގެ އެންމެ މުހިއްމު މަސްއޫލިއްޔަތުކުގައިވާއިރު އެ މަސައްކަތުގައި ޤަވާޢިދު ކޮމެޓީގެ ދަޢުރު ވަރަށްވެސް މުހިއްމު ކަމަށެވެ. އަދި ޤަވާޢިދު ކޮމެޓީގެ 200 ވަނަ ބައްދުލުވުމާއި ހަމައަށް މި ފަށާ ދަތުރުގައި، ކޮމެޓީން ކުރާނެ މައިގަނޑު މުހިއްމު ކަންތައްތަކާއި، އެކަންކަމުން ޙާސިލުކުރަން ބޭނުންވާ ނަތީޖާ އަންގައިދޭނެ މަގު ޗާޓެއް އެކުލަވާލުން މުހިއްމުކަމަށްވެސް އަޝްރަފު ވިދާޅުވިއެވެ.
އަޝްރަފުވަނީ ދިވެހިބަހުގެ އެކަޑަމީގެ ޤަވާޢިދު ކޮމެޓީގެ މެމްބަރުން އަމިއްލައަށް އިސްނަގައިގެން ކުރިއަށްގެންދާ ތަފާތު ދިރާސާކުރުމުގެ މަސައްކަތްތަކަށްވެސް އަލިއަޅުވާލާފައެވެ. އަދި އެފަދަ ކަންކަމަށް އެކެޑަމީގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަޤީންކަންވެސް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ވަނީ ދެއްވާފައެވެ.
ދިވެހިބަހުގެ އެކެޑަމީގެ ޤަވާޢިދު ކޮމެޓީގެ 100 ވަނަ ބައްދަލުވުމުގައި އެކޮމެޓީގެ މެމްބަރުންނާއި މުޙާތަބުކުރައްވާ ވާހަކަދައްވަމުން ކޮމެޓީގެ ރައީސް މުޙައްމަދު ޝާހިދު ޚަލީމް ވިދާޅުވީ، އެކޮމެޓީން ފާސްކުރާ ބަހުގެ ޤަވާއިދުތަކާއި، ހަމަތަކަކީ ވަރަށްވެސް ޢިލްމީ ނަޒަރަކުން އެކަންކަމުގެ މައްޗަށް ދިރާސާތަކެއް ކުރެވިގެން ފާސްކުރެވޭ ކަންކަމަށް ވާންޖެހޭނެކަމަށެވެ.
މި ބައްދަލުވުމުގައި ވަނީ ދިވެހިބަހުގެ އެކެޑަމީގެ ޤަވާޢިދު ކޮމެޓީގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކާ ކުރެވިދާނެކަންކަމާއި ގުޅޭގޮތުން ކޮމެޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ. އަދި އެކޮމެޓީގެ މެމްބަރުން ކޮށްފައިވާ ތަފާތު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޝުކުރުގެ ފަތްކޮޅެއް މެމްބަރުންނަށް ވަނީ އަރުވާފައެވެ.