ޚަބަރު

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޖަޖިން މަސައްކަތްތައް ފަށައިފި


މުޅި ރާއްޖޭގެ އިޤްތިސާދުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށްދޭ ފުރަތަމަ އެވޯޑް "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގެ ޖަޖިން މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ. ރާއްޖޭގައި ހިންގާ ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްކަމަށްވާ ބްލޭޒަން އިންކްއިން އިންތިޒާމްކޮށްގެން ބާއްވާ މި އެވޯޑްގެ ޖަޖިންގ މަސައްކަތްތައް ކުރިއަށްދަނީ މާގިރި ހޮޓެލްގައެވެ.

ޖަޖިންގ މަސައްކަތްތަކާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބްލޭޒަން އިންކްގެ ސީއީއޯ ހަސަން ހިލްމީ ވިދާޅުވީ ބްލޭޒަންއިން ޖަޖިން ކްރައިޓީރިއާއަށް ބެލުމަށްފަހު ހޮވުނު ފަރާތްތައް ޖަޖުންނަށް ހުށައަޅާފައިވާކަމަށެވެ. އަދި ފައިނަލިސްޓުންނަށް ދިއުމުގެ ކުރިން ޝޯޓްލިސްކުރެވިފައިވާ ފަރާތްތައް ޖަޖުންވެސް ބަލާނެކަމަށް ހިލްމީ ވިދާޅުވިއެވެ. އެއަށްފަހު އެންޓަޕްރައިސް އެކްސެލެންސް އަދި އިންޑިވިޖުއަލް އެކްސެލެންސް އެވޯޑަށް ވާދަކުރާ ފަރާތްތަކަށް މާކްސް ދިނުމަށް ހުޅުވާލާ، އިންޑަސްޓްރީ އެކްސެލެންސް އެވޯޑަށް ވާދަކުރާ ފަރާތްތަކަށް ޕްރެޒެންޓޭޝަން ހުށައެޅުން އަދި އިންޓަވިއު ކުރުމުގެ ކަންކަން ކުރިއަށްދާނެކަމަށް ހިލްމީ ވިދާޅުވިއެވެ.

"ޖުމްލަ 25 ކެޓަގަރީއަކުން އަޅުގަނޑުމެންނަށް 100 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ލިބިފައި. އެހެންވީމަ އަޅުގަނޑުމެން ފުރަތަމަ ޕްރީ އިވެލުއޭޝަނެއް ހަދާފައި އޭގެ ޝޯޓްލިސްޓިން ތައްޔާރުކޮށްފައި ޖަޖުން ކަނޑައަޅާފައި އޮންނަ ކްރައިޓީރިއާއަށް ބަލާފަ އަޅުގަނޑުމެން ޝޯޓްލިސްޓިންއެއް މިހެދީ. އެހެންވީމަ މިރޭ ކުރިއަށްމިދަނީ އަޅުގަނޑުމެން އޭތި ޖަޖުންނަށް ޕްރެޒެންޓްކުރުމުގެ ކަންތައް. ޖަޖުން އޭތި ހަމަ ކްރޮސް ރެފަރެންސް ހަދާނެ ފައިނަލިސްޓުންނާއި ހަމައަށް ދިއުމުގެ ކުރިން." ހަސަން ހިލްމީ ވިދާޅުވިއެވެ.

ޖަޖިންގެ ހުރިހާ މަސައްކަތްތަކެއް 3 ހަފްތާގެ ތެރޭގައި ނިމޭނެކަމަށް ބްލޭޒަން އިންއިން ބުނެއެވެ. ޖަޖިންގެ މަސައްކަތް ކުރަނީ ހުރިހާ ދާއިރާގެ ތަޖުރިބާކާރު ފަރާތްތައް ހިމެނޭހެން 9 ދިވެހިން ހިމެނޭ ޖަޖިންގެ ޕެނަލަކުންނެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑްގެ ގާލާ އިވެންޓް އޮންނާނީ އޮގަސްޓް މަހުގެ ފަހުކޮޅުއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށްދޭ އެވޯޑެކެވެ. މި އެވޯޑުގެ ބޭނުމަކީ އެ ވިޔަފާރިތަކުން ޤައުމުގެ އިޤްތިސާދަށް އަންނަ ހެޔޮބަދަލާއި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެހެން ވިޔަފާރިތައް ތަރައްޤީވުމަށް ހިތްވަރުދިނުންކަމަށް މި އިވެންޓް އިންތިޒާމްކުރާ ބްލޭޒަން އިންކްއިން ބުނެއެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018 ގެ މީޑިއާ ޕާޓްނަރަކީ ޕީއެސްއެމްއެވެ.