ޚަބަރު

ކޭ.އެފް.ސީ އަންނަ ހޯމަ ދުވަހު ހުޅުވަނީ


ދުނިޔޭގެ މަޝްހޫރު އިންޓަރނޭޝަނަލް ފާސްޓްފުޑް ޗެއިން، ކޭ.އެފް.ސީގެ ރާއްޖޭގެ ފުރަތަމަ އައުޓްލެޓް އަންނަ ހޯމަ ދުވަހު ހުޅުވާގޮތަށް ހަމަޖެހިއްޖެއެވެ.

ކޭ.އެފް.ސީގެ ރާއްޖޭގެ އައުޓްލެޓްގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޭ.އެފް.ސީ ހުޅުވުން އޮންނާނީ މިމަހުގެ 23 ވާ ހޯމަ ދުވަހުގެ ހެނދުނު 11 ޖަހާއިރުކަމަށެވެ. އަދި އެތަނަށް ޒިޔާރަތްކުރާ ފުރަތަމަ 100 ކަސްޓަމަރުންނަށް ކޭ.އެފް.ސީގެ ލޯގޯޖެހި ޚާއްސަ ޓީ-ޝާޓެއް ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ކޭ.އެފް.ސީގެ ރާއްޖޭގެ ފުރަތަމަ އައުޓްލެޓް އަމީނީމަގުގައި ހުންނަ މާލޭ ސްކޮއަރގައި ހުޅުވުމަށް މިހާރު ތައްޔާރުވެފައިވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައިވެސް ކޭ.އެފް.ސީގެ އައުޓްލެޓެއް ހުޅުވުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ކޭ.އެފް.ސީއަކީ ކުކުޅުގެ އެކި އުފެއްދުންތަކަށް ޙާއްސަކޮށްގެން 1952 އަހަރު އެމެރިކާގައި ހުޅުވާފައިވާ ފާސްޓްފުޑް ރެސްޓޯރެންޓެކެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން، ދުނިޔޭގެ އެކި ޤައުމުތަކަށް ކޭ.އެފް.ސީގެ ރަހަތަށް ތަޢާރަފުވުމާއެކު، އެތަންވެފައިވަނީ މުޅި ދުނިޔޭގައި ދެވަނަ އެންމެ މަޝްހޫރު އިންޓަރނޭޝަނަލް ފާސްޓްފުޑް ޗެއިނަށެވެ. އެގޮތުން މިހާތަނަށް ދުނިޔޭގެ 123 ޤައުމެއްގައި 20 ހާހަށްވުރެ ގިނަ އައުޓްލެޓްތައް މިހާރުވެސް ކޭ.އެފް.ސީން އަންނަނީ ހިންގަމުންނެވެ.

ކޭ.އެފް.ސީއަކީ ޕިއްޒާ ހަޓާއި، ޓެކޯބެލް، އަދި ވިންގ ސްޓްރީޓް ފަދަ މަޝްހޫރު އެތައް ފާސްޓްފުޑް ޗެއިންތަކެއް އޮޕަރޭޓްކުރަމުންދާ އެމެރިކާގެ ފާސްޑްފުޑް ކޮމްޕެނީއެއްކަމަށްވާ "ޔަމް، ބްރޭންޑްސް"ގެ ސަބްސިޑަރީ ފުޑްޗެއިނެކެވެ. ރާއްޖޭގައި ކޭ.އެފް.ސީގެ އައުޓްލެޓެއް ހުޅުވުމަށް ތައްޔާރުވެފައިވާއިރު، މާލޭ ސްކޮއަރގައި ޕިއްޒާހަޓުގެ އައުޓްލެޓެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ.

ކޭއެފްސީއާއި ޕިއްޒާ ހަޓްގެ އިތުރުން ދުނިޔޭގެ ބައެއް މަޝްހޫރު ފާސްޓްފުޑް ޗެއިންތައްކަމަުގައި ބާގަރ ކިންގް، ގްލޯރިއާ ޖީންސް ކޮފީ، މެންހާޓަން ފިޝް މާރކެޓް، މޭރީ ބްރައުން، ބަރިސްޓާ ފަދަ ތަންތަނުގެ އައުޓްލެޓްތައްވެސް މިހާރު އަންނަނީ ރާއްޖޭގައި ހިންގަމުންނެވެ.