ޔޫރަޕްގެ އިއްތިހާދުން ރާއްޖެއާމެދު ފިޔަވަޅު އަޅައިފިކަމަށްބުނެ ދޮގު ޚަބަރު ފެތުރިކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއުތިރާފްވެއްޖެއެވެ. މަޖިލީހުގެ ގޮނޑިގެއްލިފައިވާ 12 މެންބަރުންގެ މައްސަލައިގައި ސުޕްރީމް ކޯޓްގެ މުހިންމު ނިންމުމެއް ނިންމުމަށް ތާވަލުކޮށްފައިވާ ވަގުތާ ދިމާކޮށް ނަޝީދު މިއަދު ވަނީ ސުޕްރީމް ކޯޓްގެ ބައެއް ފަނޑިޔާރުން ހިމެނޭގޮތަށް ދައުލަތުގެ އިސްވެރިންނާމެދު އީޔޫއިން ފިޔަވަޅު އަޅާފައިވާކަމަށްބުނެ ދޮގު މައުލޫމާތު ފަތުރާފައެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވުމާއެކު އަމިއްލައަށް އަރުވައިލެވިގެން އިނގިރޭސިވިލާތުގައި އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ރާއްޖެއާ ބެހޭގޮތުން ހަޤީޤަތާ ޚިލާފު ކަނޑައެޅިގެން ދޮގު މަޢުލޫމާތު ސޯޝަލް މީޑިއާއާއި، ބައިނަލްއަޤްވާމީ މީޑިއާތަކުގައި ފަތުރަމުންގެންދާ ބޭފުޅެކެވެ. އެގޮތުން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ފިއްތުންތައް ކުރިމަތިކުރުވައި ސިޔާސީ ފައިދާތަކެއް ހާސިލްކުރުމަށްޓަކައި މިހާރު އިދިކޮޅު ފަރާތްތަކާއި، ޚާއްޞަކޮށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ޔޫރަޕްގެ އިއްތިހާދުން ރާއްޖެއާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.
ނަމަވެސް މިހާތަނަށްވެސް ޔޫރަޕްގެ އިއްތިހާދުން މި ގޮވާލުންތަކަށް އެކަށީގެންވާ އިޖާބައެއް ދީފައެއް ނުވެއެވެ. ރާއްޖެއާމެދު މަޝްވަރާކުރުމަށް އީޔޫއިން އެތައް ބައްދަލުވުމެއް ބޭއްވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ބޭނުންވާ ނިންމުން ޔޫރަޕިއަން ޔޫނިއަންއިން އަދިވެސް ނިންމާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ އެންމެ ފަހުގެ ނިންމުން ނިންމުމަށް ތާވަލްކޮށްފައިވާ ވަގުތާ ދިމާކޮށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ޔޫރަޕިއަން ޔޫނިއަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ހިމެނޭގޮތަށް ރައީސް ޔާމީނާއި، ސިފައިންގެ އިސްވެރިންނާއި، ވަޒީރުންނާމެދު ދަތިކުރުމުގެ ފިޔަވަޅު އަޅައިފިކަމަށް ބުނެ ދޮގު މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރާފައެވެ.
ނަމަވެސް މެމްބަރުންގެ މައްސަލައިގައި ގޮތެއް ކަނޑައެޅުން ސުޕްރީމް ކޯޓުން ފަސްކުރުމާއެކު ރައީސް ނަޝީދުވަނީ ކުރިން ކުރެއްވި ޓުވީޓަކީ އޮޅުމެއްކަމަށް ވިދާޅުވެ، އީޔޫގެ ނަން ބޭނުންކޮށްގެން ދޮގު ޚަބަރު ފެތުރިކަމަށް އަމިއްލައަށް އިޢުތިރާފްވެފައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެ ޓްވީޓް ކުރެއްވި ވަގުތަށް ބަލާއިރު މިއީ ސުޕްރީމް ކޯޓްގެ ނިންމުމަށް ނުފޫޒު ފޯރުވުމަށް ކުރެއްވި ކަމެއްކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ޢާންމުގޮތެއްގައި ސޯޝަލް މީޑިއާއާއި، ބައިނަލްއަޤްވާމީ މީޑިއާތަކުގައި ދެކޮޅުނުޖެހޭ ވާހަކަތައް ފަތުރުއްވާ ބޭފުޅެކެވެ. އެގޮތުން ދިވެހި ސަރުކާރުން ޓެރަރިޒަމަށް ހިއްވަރު ދޭކަމަށާއި، ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަތަކަށް ދިވެހިން ފޮނުވާކަމަށްބުނެ ދޮގު މައުލޫމާތު މީޑިއާގައި ފަތުރާފައިވެއެވެ.
އަދި ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އައްޔަންކުރެއްވި ދުވަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޑރ. ޝަހީމަކީ ހައްދުފަހައަޅާފައިވާ ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާ މީހެއްކަމަށް ތުހުމަތުކޮށް، ސައުދީ ސަފީރު ޑރ. ޝަހީމަށް ތާއީދުކޮށްފައި ވުމަކީ މި ކަމުގެ ހެއްކެއްކަމަށް ބުނެފައެވެ. ނަމަވެސް ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ސައުދީއާމެދު އެމަނިކުފާނުގެ ވިސްނުން މުޅިން ބަދަލުވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
ނަޝީދު މިއަދު ވިދާޅުވެފައިވަނީ ސައުދީ ސަފީރާމެދު އެމަނިކުފާނުގެ ވިސްނުން ކުރިން ގެންގުޅުއްވީ ރަނގަޅަން ނޫންކަމަށެވެ. ޓެރަރިޒަމަށް ބާރުދޭކަމަށާއި، ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކަށް ސައުދީން ބާރުދޭކަމަށް ތަކުރާރުކޮށް ވިދާޅުވުމަށްފަހު ނަޝީދު މިއަދުވަނީ ސައުދީގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންއަށް ތައުރީފްވެސްކޮށްފައެވެ.
ކުރީގެ ރައީސްގެ މިފަދަ ދެކޮޅުނުޖެހޭ ވާހަކަތަކުގެ ސަބަބުން ސިޔާސީގޮތުން އެމަނިކުފާނަށް ވަރަށްބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. އަދި ދެފަހަރު އެއްވިސްނުމެއް ނުގެންގުޅުއްވާ ބޭފުޅަކަށް ރާއްޖޭގެ ވެރިކަން ކުރެވޭނީ ކިހިނެއްތޯއޭބުނެ ގިނަ ބަޔަކުވަނީ ސުވާލު ކޮށްފައެވެ.