ކޮރަޕްޝަނޭ ބުނެ އިދިކޮޅު ފަރާތްތަކުން މިއަދުގެ ސަރުކާރަށް އިނގިލި ދިއްކުރުމުގެ އެއްވެސް ހައްޤެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ 4 މަޝްރޫޢެއްގެ ކާމިޔާބީ ފާހަގަކުރުމަށް މިއަދު ހެނދުނު އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އިދިކޮޅު ފަރާތްތައް ތަމްސީލުކުރުމުގައި އިސްކޮށް މިއަދު ތިއްބެވި ފަރާތްތަކަކީ ޤައުމަށް ޣައްދާރުވުމާއި، ޚިޔާނާތްތެރިވުމުގެ ރިކޯޑު އޮތް ބައެއްކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުން ފާއިތުވި 4 އަހަރާއި ބައިގެ ތެރޭގައި ކުރިއަށްގެންގޮސްފައިވާ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކަށް އިޝާރަތްކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވީ، ދިވެހިރާއްޖެ ދުށް އެންމެ ވަފާތެރި، އެންމެ އިޚްލާސްތެރި އަދި އެންމެ ހިންގުންތެރި ވެރިޔަކީ ރައީސް ޔާމީންކަމަށެވެ. އަދި އެމަނިކުފާނުގެ ތަރައްޤީގެ ދުވެލި މަޑުކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކެމްޕެއިނަށް ނިކުމެ، އެންމެ އަޑުހަރުކޮށް ދައްކަމުންދާ ވާހަކައަކީ ކޮރަޕްޝަނާއި އަދުލު އިންސާފުގެ ވާހަކަމަށާއި، ރައްޔިތުންނަށް އާ އުއްމީދުތަކެއް ނުވަތަ ތަރައްޤީގެ ކުލަވަރުތަކެއް ގެނެސްދިނުމަށް ދެއްކޭނެ ވާހަކައެއް ނުވަތަ އެފަދަ މިސާލެއްވެސް މިއަދު އިދިކޮޅު ފަރާތްތަކަށް ދެއްކެން ނެތްކަމަށެވެ.
ކޮރަޕްޝަންގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ދައްކަމުންދާއިރު، ކޮރަޕްޝަންގެ އެންމެ ބޮޑެތި ޚިޔާނާތްތައް ވެފައިވަނީ ކޮންބައެއްކަން ކުރީގެ އޮޑިޓް ރިޕޯޓްތަކުން ހާމަވާކަމަށާއި، އޭރު އެކަންކަން ހުއްޓުވުމަށްޓަކާ ފިޔަވަޅު އަޅަން ނުކެރުނު ބަޔަކަށް މިއަދު ކޮރަޕްޝަނޭ ބުނެ ވާހަކަދެއްކުމުގެ އެއްވެސް ފުރުޞަތެއް ނެތްކަމަށްވެސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ. ހަމައެހެންމެ ކޮރަޕްޝަންގެ ޢަމަލުތަކާއި ކެރިގެން ކުރިމަތިލައްވާ، އެފަދަ ކަންކަމަށް ފާޅުގައި ނޫނެކޭ ބުނެ، ފިޔަވަޅު އަޅަން ކެރިވަޑައިގެންނެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަން ޢަބްދުއްރަޙީމްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޢަބްދުއްރަޙީމް ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބޮޑެތި ސުވާލުތަކެއްވެސް އަމާޒުކުރައްވާފައެވެ. ހަމައެހެންމެ ކޮންކްރީޓް ތަރައްޤީ ބޭނުންނުވާކަމަށާއި ރާއްޖޭގެ އިޤްތިޞާދު ހީނަރުވަމުންދާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށްވެސް ޢަބްދުއްރަޙީމް ވަނީ ހޫނު ރައްދެއް ދެއްވާފައެވެ. އެގޮތުން މި ސަރުކާރު ވެރިކަމާއި ހަވާލުވީ ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރާއި ގާތްކުރާވަރުގެ ބޮޑު ދަރަންޏަކާއެކު ކަމަށާއި، އެހެންނަމަވެސް ރައީސް ޔާމީންގެ ޚިކުމަތްތެރިކަމާއި، ވިސްނުންތެރިކަމާއެކު، މިއިން ޒަމާނަކު ދިވެހިންގެ ވިސްނުމާއި ޚިޔާލަށްވެސް ނާންނަފަދަ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް ރައީސް ޔާމީން ކުރިއަށްގެންގޮސްފައިވާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުގައި ދަޢުލަތުގެ ރިޒާވް އިތުރުވެ، ބޮލަކަށްޖެހޭ ނިސްބަތް އެތަށްގުނައެއް އިތުރުވެފައިވާކަން ޕީޕީއެމްގެ ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ރާއްޖޭގެ ތަރައްޤީއަށްޓަކާ ސިޔާސީ ޚިޔާލު ތަފާތުވުންތަކުން އެއްކިބާވެ، ރައީސް ޔާމީންއަށް ދެވަނަ ފުރުޞަތެއް ދެއްވަންޖެހޭކަމަށް ވިދާޅުވެފައެވެ.