ޚަބަރު

މަސްވެރިންނަށް ޚާއްޞަ ކާޑެއް ތަޢާރަފްކުރާނަަން - ރައީސް


އާންމު ޚިދުމަތް ހޯދުމުގައި މަސްވެރިންނަށް ފަސޭހަ ވާނެގޮތަށް "ފިޝަމަން ކާޑެއް" ތައާރަފް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޙާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި މަސްވެރިންނަކީ ވަރަށް ޚާއްޞަ ބައެއް ކަމަށެވެ. މިގޮތުން އާންމު ޚިދުމަތްތައް ހޯދުމުގައި މަސްވެރިންނަށް ފަސޭހަވާނެގޮތަށް މަަސްވެރިންނަށް ޚާއްޞަ އައިޑީ ކާޑެއް ތަޢާރަފް ކުރައްވާނެކަމަށެވެ. މި ކާޑުގެ ބޭނުންކޮށްގެން އާންމު ޚިދުމަތްތައް ހޯދުމުގައި ކިޔުގައި ޖެހޭކަށް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، މަސްވެރިކަމަކީ ރާއްޖޭގެ ލޭނާރުކަމަށާއި، އެހެންކަމުން މަސްވެރިންނަށް ޚާއްޞަ އިނާޔަތްތަކެއް ހުންނަންޖެހޭނެކަމަށެވެ.

"އަޅުގަނޑުމެން ނުދައްކާނަން އަޅުގަނޑުމެންނަށް ނުކުރެވޭ ކަންކަމުގެ ވާހަކައެއް. އަޅުގަނޑު މަސްވެރިންނަށް ދަންނަވާލަން ބޭނުންވަނީ އާންމު ޚިދުމަތްތައް ލިބުމުގައި އަޅުގަނޑުމެން އެބަ ތަޢާރަފްކުރަން ފިޝަމަން ކާޑެއް. ނޫނީ މަސްވެރިންނަށް ދޭ އައިޑީ ކާޑެއް. އޭގެ ބޭނުމަކަށް ވަނީ ހޮސްޕިޓަލަކަށް ދިޔަސް ރާއްޖެއިން ބޭރަށްދާން ޕާސްޕޯޓެއް ހައްދަން ދިޔަޔަސް އަދި އިމިގްރޭޝަނަށް ދިޔަޔަސް ދަޢުލަތުން މި ދޭ ޢާންމު ޚިދުމަތްތައް ލިބުމުގައި މަސްވެރިންނަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ އިސްކަންދޭނަން. އިރާދަކުރެއްވިއްޔާ އެމީހުން ނުޖެހޭނެ އާންމު ޚިދުމަތްތައް ހޯދަންގޮސް ތަންތަނުގެ ދިގު ކިޔުތަކުގައި ތިބޭކަށް ނުޖެހޭނެ." ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްވެރިންނަށް ސަރުކާރުން ތަޢާރަފްކުރެއްވި "ބެޔަސް ނުބެޔަސް" އިންސިއުރެންސް ސްކީމްވެސް ވަރަށް ކާމިޔާބުކަމަށް ފިޝަރީޒް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މި ސްކީމަކީ މަސް ނުބާނާ ދުވަސްވަރު މަސްވެރިއަކަށް ދިހަހާސް ރުފިޔާ ލިބޭގޮތަށް ފަރުމާކޮށްފައިވާ ސްކީމެކެވެ. ސަރުކާރުގެ ބޭނުމަކީ ކޮންމެ މަހަކު މަދުވެގެން ދިހަ ހާސް ރުފިޔާ މަސްވެރިންނަށް ޔަޤީންކޮށްދިނުމެވެ. ސަރުކާރުގެ ބެޔަސް ނުބެޔަސް ސްކީމްގައި މަސްވެރިން ބައިވެރިނުވަނީ މަސްވެރިންނަށް ލިބޭ އާންދަނީ ރަނގަޅުވުމުން ކަމަށް ފިޝަރީޒް މިިނިސްޓަރު ޑރ.މުޙައްމަދު ޝައިނީ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއީ ސަރުކާރަށް ލިބުނު ކާމިޔާބީއެއް ކަމަަށް މިނިސްޓަރު ސިފަކުރެއްވިއެވެ.