އދ ހަންޏާމީދޫ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ޕީޕީއެމްއަށް ގުޅިއްޖެއެވެ. ޕީޕީއެމްއަށް ސޮއިކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކޮށްގެން ހަންޏާމީދޫގެ ކައުންސިލަށް އިންތިހާބުވި އެެ ކައުންސިލްގެ ރައީސް މުސާ ނާޒިމް އާއި ކައުންސިލްގެ ނާއިބު ރައީސް ހަސަން އަޝްރަފުއެވެ. މި ކައުންސިލަރުންގެ އިތުރު ބައެއް ޒުވާނުންވެސް މިއަދު ވަނީ ޕީޕއެމް އާއި ގުޅިފައެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވީ، އދ. އަތޮޅަކީ ވަކިގޮތަކަށް ބައްޓަންވެފައި އޮތް އަތޮޅެއްނަމަވެސް މިކަމުން ހާމަވެގެންދަނީ ރައީސް ޔާމީން ރާއްޖެއަށް ގެންނަވަމުންދާ ތަރައްޤީ ރައްޔިތުން ބަލައިގަނެ އާބަސް ބުނަމުންދާ މަންޒަރުކަމަށެވެ. އަދި ހަންޏާމީދޫ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ޕީޕީއެމްއަށް ގުޅުމަކީ އެޕާޓީއަށް ލިބުނު ޝަރަފެއްގެ ގޮތުގައި އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމް އަދި ނައިބުރައީސް ހަސަން އަޝްރަފް ވިދާޅުވީ، ޕީޕީއެމްއަށް ގުޅުމަށް ނިންމީ ރައީސް ޔާމީންގެ ވެރިކަމުގައި އެ ރަށައް ގެނެސްދީފައިވާ ތަރައްޤީ ބަލައިގަންނާތީކަމަށެވެ. އަދި ކުރިއަށްއޮތް ރިޔާސީ އިންތިހާބް ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމަށް ޒުވާނުންނާއިއެކު މަސައްކަތް ކޮށްދޭނެކަމަށެވެ.
އދ. ހަންޏާމީދޫގެ ރައީސް އަދި ނައިބު ރައީސް ޕީޕީއެމްއާއި ގުޅުމުން އެރަށު ކައުންސިލްގެ ފުރިހަމަ މެޖޯރިޓީ މިހާރުވަނީ ޕީޕީއެމްއަށް ލިބިފައެވެ.