އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގމޭޓަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމުގެ ދަޢުވަތު އޯލް ޕާރޓީ ޓޯކްސްގެ ޗެއަރ އަދި ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ދެއްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގ މޭޓް ފައިސަލް ނަސީމަށް މަރުޙަބާ ދަންނަވައި ކުރެއްވި ޓުވީޓެއްގައެވެ.
އޯލް ޕާރޓީ ޓޯކްސްގެ ޗެއަރ އަދި ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނި އިދިކޮޅު އިއްތިހާދުގެ ރަނިންގ މޭޓަކަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ޢައްޔަންކޮށްފައިވާތީ މަރުޙަބާ ދަންނަވާކަމަށެވެ. ޑރ. ޝައިނީ ވަނީ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރަނިންގ މޭޓް ފައިސަލް ނަސީމަށް، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް ދަޢުވަތުދެއްވާފައެވެ. ޑރ. ޝައިނީ ވިދާޅުވީ ސިޔާސީ ގޮތުންހުރި ތަފާތުތައް ނައްތާލައި އެއްބަސްވާ ކަންކަން ދެނެގަތުމާއެކު، މިނިވަން އިންސާފުވެރި އިންތިޚާބެއް ކަށަވަރު ކުރުމަށްޓަކައި އިދިކޮޅު ކެންޑިޑޭޓާއި ރަނިންގމޭޓް ސަރުކާރާއެކު މަޝްވަރާގައި ބައިވެރިވުމަށް ގޮވާލާކަމަށެވެ.
އެމް.ޑީ.ޕީ، ޖޭ.ޕީ އަދި ޢަދާލަތު ޕާޓީ ހިމެނޭ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގމޭޓް ކަނޑައަޅާފައިވާއިރު، ސަރުކާރުން ވަނީ މި ދެބޭފުޅުންނަށް ވަކިވަކިން މަރުޙަބާ ކިޔާފައެވެ. އަދި ދެބޭފުޅުންނަށް ވަކިވަކިން ސަރުކާރާއެކު މަޝްވަރާގައި ބައިވެރިވުމަށް ދަޢުވަތުދެއްވާފައެވެ.
2015 ވަނަ އަހަރު ރާއްޖޭގައި އުފެދުނު ސިޔާސީ ހަމަނުޖެހުންތަކާގުޅިގެން ސަރުކާރުންވަނީ އިދިކޮޅު ޕާޓީތަކާއެކު މަޝްވަރާގެ ދޮރު ހުޅުވާލާފައެވެ. ނަމަވެސް ޕާޓީތަކުގެ ފަރާތުން މިކަމަށް އެކަށީގެންވާ އެއްބާރުލުމެއް ދީފައެއް ނުވެއެވެ.