ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މެޑިކަލް ކޮލެޖުގެ އެންމެ ފުރަތަމަ ބެޗުގެ ކިޔެވުން އަންނަ ސެޕްޓެމްބަރ މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޞިއްޙީ ދާއިރާއިން ކުރިއަށްދާން ބެނުންވާ ޒުވާނުންނަށް ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ޤާއިމުކުރާ މެޑިކަލް ކޮލެޖުގެ ކިޔެވުން ފެށުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
އެމް.ބީ.ބީ.އެސް ފެންވަރަށް ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ދިވެހިންނަށާއި، ސިއްޙީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. މިއަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރޭގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތަކީ ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މެޑިކަލް ކޮލެޖުގެ މަސައްކަތެވެ.
ސިއްޙީ ދާއިރާއަށް ޚާއްސަކޮށްގެން ރާއްޖޭގައި މިފަދަ މެޑިކަލް ޖޮލެޖެއް ޤާއިމްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޑޮކްޓަރުކަމާއި، އެނޫންވެސް ސިއްޙީ ދާއިރާއާއި ގުޅުންހުރި ތަފާތު ދާއިރާތަކުން ތަޢުލީމު ހާސިލުކުރުމަށް ދިވެހިން ކުރާ ޚަރަދުކުޑަކޮށް، ރާއްޖޭގައި ތިބެގެން ތަޢުލީމު ޙާސިލުކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. އަދި ދިވެހިންގެ ސިއްޙަތާއި، މާޙައުލާއި، ސަޤާފަތާ އެއްގޮތްވާގޮތަށް، ބަލިތައް ދެނެގަނެ، އެކަންކަމާ ގުޅޭ ދިރާސާތަކާއި ތަޙުލީލުތައް ކުރުމުގެ ފުރުޞަތުވެސް ފަހިކޮށްދިނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިކޮލެޖު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، އައި.ޖީ.އެމް.އެޗްގެ ފަންނީ އެހީތެރިކަމާއެކުގައެވެ.
މެޑިކަލް ކޮލެޖުގެ އެންމެފަހުގެ ތައްޔާރީތަކާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އެކޮލެޖަށް ބޭނުންވާ ޖާގަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ޢިމާރާތުން ހަމަޖެހިފައިވާއިރު، އެތަނަށް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ސާމާނު މިހާރު ރާއްޖެ އައިސްފައިވާކަމަށާ، މެޑިކަލް ކޮލެޖުގައި ޤާއިމުކުރަންޖެހޭ ތަފާތު ވަސީލަތްތައް ޤާއިމުކުރުމާއި، ދަރިވަރުންނަށް ބޭނުންވާނެ ލެބޯޓްރީތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މެޑިކަލް ކޮލެޖަށް ބޭނުންވާ ކަރިކިއުލަމް ރިވިއުކޮށް، ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ދަރިވަރުން އެން-ރޯލްކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށާ، އުއްމީދަކީ އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައި މެޑިކަލް ކޮލެޖްގެ ފުރަތަމަ ބެޗުގެ ކިޔެވުން ފެށުންކަމަށެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރުން، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށްވެސް ލިބިގެންދާ ކުރިއެރުމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، މެޑިކަލް ކޮލެޖުން ތަޢުލީމު ހާޞިލުކުރާ ފުރަތަމަ ބެޗަކީ ފުލީ ފަންޑެޑް ސްކޮލަރޝިޕްތަކެއްގެ ދަށުން ތަޢުލީމު ހާސިލުކުރާނެ ދަރިވަރުންތަކެއްކަމަށެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖު ޤާއިމުކުރުމަށްޓަކާ ޕާކިސްތާނު ސަރުކާރުން ބޮޑު އެހީތެރިކަމެއް ވެދީފައިވާއިރު، ދުނިޔޭގެ ނަން މަޝްހޫރު މެޑިކަލް ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއި އެއްބާރުލުން ހޯއްދަވާނެކަމަށް ހެލްތް މިނިސްޓަރ ނާޒިމް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިންސާނީ ވަޞީލަތް ހޯދުމާއި، ބިނާކުރުން ކަމަށްވީއިރު، އަލަށް ޤާއިމުކުރާ މި މެޑިކަލް ކޮލެޖާއެކު، ފެންވަރު ރަނގަޅު ޤާބިލު ދިވެހި ޑޮކްޓަރުން އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.