ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ބޭރު ގައުމުތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ނުފޫޒު ފޯރަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އެމް ބީ ސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބޭރު ގައުމުތަކާއި، ޖަމާއަތްތަކުގެ ޕްރެޝަރަށް ބެލުމެއް ނެތި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެކަމަށާއި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުންކުރާ ލީތަލް އިންޖެކްޝަން ގެންނާނެ ގައުމެއް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ހޯމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލީތަލް އިންޖެކްޝަން ގެންނާނެ ގައުމު ކަނޑައެޅުމުން މަރުގެ ހުކުމާއި ދެކޮޅަށް މަސައްކަތްކުރާ ބޭރުގެ ނުފޫޒުތަކުގެ ޕްރެޝަރ އިތުރުވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި މިހާތަނަށް ލީތަލް އިންޖަކްޝަން ގެނައުމަށް ޝޯޓް ލިސްޓްކުރި ގައުމުތައް އިއުލާން ކޮށްފައި ނުވަނީވެސް އެ ސަބަބާއިހުރެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލުގައި ހަދަންޖެހޭ ކޮޓަރި ހަދާ އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފއިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދެއެވެ.
ހޯމް މިނިސްޓްރީން ބުނީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ރާއްޖޭގައި ބޭނުންކުރާ ލީތަލް އިންޖަކްޝަން ނިޒާމުގައި ފަހުގެ ޓެކްނޮލޮޖީ ގާއިމްކުރެވިގެންދާނެ ކަމަށެވެ.