ޖަރުމަންގެ ބަޔާ ލެވަކޫސަންގެ ޑިފެންޑަރު ޖެރެމީ ފްރިމްޕޮންގް، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލްއަށް ސޮއިކޮށްފިއެވެ.
ނެދަލޭންޑްސްއަށް އުފަން އުމުރުން 24 އަހަރުގެ ޑިފެންޑަރ ލިވަޕޫލް އާއި ގުޅިފައިވަނީ 35 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއެއްގެ ދަށުންނެވެ. ފްރިމްޕޮންގް ވަނީ 24-2023 ވަނަ އަހަރުގެ ސީޒަނުގައި ބުންޑެސްލީގާގެ ޗެމްޕިއަންކަން ބެޔާ ލެވަކޫސަން އިން ހޯދިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި ނިމިދިޔަ ސީޒަނުގައި ލެވަކޫސަން އިން ލީގުގެ ދެވަނަ ހޯދިއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ޖުމްލަ 53 މެޗު ކުޅެދީފަ އެވެ.
ލިވަޕޫލް އަށް ކަނާތު ބެކެއް ހޯދާފައިވަނީ އެ ޓީމަށް ކުޅެމުންދިޔަ އިނގިރޭސި ޑިފެންޑަރ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް އެ ޓީމު ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅުމުން އޭނާ ނެތްތަން ފޫބެއްދުމުގެ ގޮތުންނެވެ.
މެންޗެސްޓަރ ސިޓީގެ ޔޫތު ޓީމުން ފުޓްބޯޅަ ކުޅެން ފެށި ފްރިމްޕޮންގް ވަނީ 2019 ވަނަ އަހަރު ސެލްޓިކަށް ބަދަލުވެފަ އެވެ. އަދި އޭގެ ފަހުން އޭނާ ލެވަކޫސަން އާއި ގުޅިފައިވަނީ 2021 ވަނަ އަހަރު އެވެ.
ކުރިއަށް އޮތް ސީޒަނަށް ލިވަޕޫލް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުގެ ކޯޗު އާރން ސްލޮޓް ދަނީ ލެވަކޫސަންގެ ފޯވަޑް ފްލޯރިއަން ވާރޓްސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އުމުރުން 22 އަހަރުގެ ވާރޓްސް ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް އޭނާ ލިވަޕޫލް އާއި ގުޅޭނެ އެވެ.
އެލެކްޒެންޑަރ އާނޯލްޑް ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާއިރު އޭނާ ވަނީ މީގެ ކުރިން ދެން ލިވަޕޫލް އިން ނުފެންނާނެކަމަށް ބުނެފަ އެވެ. އަދި ރެއާލް މެޑްރިޑްއިން އޭނާގެ ސޮއި މާދަމާ ހޯދާނެކަމަށް ބެލެވިފައިވާއިރު އެ ޓީމުން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ފީފާ ކްލަބް ވޯލްޑްކަޕަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތެވެ.