ކުޅިވަރު

28 އަހަރަށްފަހު އިންގްލެންޑް ސެމީފައިނަލަށް!


މިގުއާއާއި، އަލީގެ ލަނޑުތަކުން ސްވިޑެން ބަލިކޮށް، 28 އަހަރަށްފަހު ފުރަތަމަ ފަހަރަށް ވަރލްޑް ކަޕްގެ ސެމީފައިނަލުން އިންގްލެންޑް ޖާގަ ހޯދައިފިއެވެ.

ފީފާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގައި ސްވިޑެން އާއި ބައްދަލުކުރި މެޗު އިންގްލޭންޑް ކާމިޔާބުކުރީ 2-0 ނެވެ.
މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ ހެރީ މިގުއާއަރއެވެ.
މިފަހަރުގެ ވަރލްޑް ކަޕްގައި އިންގްލޭންޑް ކާމިޔާބުކުރި ލަނޑުތަކުގެ ތެރެއިން ގިނަ ލަނޑުތައް ޖަހާފައިވަނީ މިފަދަ ޑެޑް ބޯލް ސިޓުއޭޝަންތަކުގައެވެ. ހެރީ މިގުއާއަރގެ ލަނޑަކީ މިފަހަރުގެ ވަރލްޑް ކަޕްގައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލި 29 ވަނަ ލަނޑެވެ.
ދެވަނަ ހާފްގައި އިންގްލޭންޑްގެ ލީޑް ފުޅާކޮށްދިން ލަނޑު ޑެލެ އަލީވެސް ކާމިޔާބުކުރީ ނެގި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އަލީގެ ލަނޑާއެކު މިފަހަރުގެ ވަރލްޑް ކަޕްގައި އިންގްލޭންޑް ޓީމުގެ ތަފާތު ފަސް ކުޅުންތެރިއަކު ވަނީ ލަނޑު ޖަހާފައެވެ.
މިމެޗުގައި އިންގްލޭންޑްގެ ފޯވާޑް ރަހީމް ސްޓާލިންގްއަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވި ދިޔައެވެ.
ވަރލްޑް ކަޕްގައި އިންގްލޭންޑް ޓީމްގެ ގޯލް ކީޕަރު ޖޯޑަން ޕިކްފޯޑް ފުރަތަމަ ކްލީން ޝީޓް ހެދިއިރު އޭނާގެ ފަރާތުން ވަނީ މޮޅު ސޭވްތަކެއްވެސް ފެނުނެވެ.

މުބާރާތުގެ ސެމީފައިނަލްގައި އިންގްލޭންޑް ބައްދަލުކުރާނީ ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި މިރޭ ކްރޮއޭޝިއާ އާއި ރަޝިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.