ހުޅުލޭގައި ތަރައްޤީކުރާ އާ ސީޕްލޭން ޓަރމިނަލްގެ މަސައްކަތް މިއަހަރު ނިންމާ ޚިދުމަތްދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ދަނީ މަސައްކަތްކުރަމުންނެވެ.
ހަތަރު ފަންގިފިލާއަށް ތަރައްޤީކުރާ މި ޓަރމިނަލް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ޕައުންޑޭޝަންގެ މަސައްކަތްތަކެވެ.
ސީޕްލޭން ބޭސްއަކާއެކު ހިންގާ ހަމައެކަނި ބައިނަލްއަޤްވާމީ އެއަރޕޯޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. އެއަރޕޯޓުގެ ސީޕްލޭން ބޭސް އިން ފަސްދޮޅަހަށްވުރެ ގިނަ ސީޕްލޭން އޮޕަރޭޓް ކުރެއެވެ. އަދި މި ސީޕްލޭން ބޭސް އިން ދުވާލެއްގެމައްޗަށް 2000 ހަށްވުރެ ގިނަ މީހުން ދަތުރު ކުރެއެވެ. ސީޕްލޭން އޮޕަރޭޝަނަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާ ގުޅިފައިވާ ވަރަށް މުހިންމު ޚިދުމަތެކެވެ.
ވެލާނާ އިންޓަރނޭޝަންލް އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ކުރިއަށްދާ އެންމެ ބޮޑު އެއް މަސައްކަތަކީ އާ ސީޕްލޭން ޓަރމިނަލްގެ މަސައްކަތެވެ.
މި ޓަރމިނަލްގެ މަސައްކަތް ނިމޭއިރު، މިހާރު ބޭނުންކުރަމުންދާ އިންޓަރނޭޝަނަލް ޓަރމިނަލަށްވުރެ އެ ޓަރމިނަލް ބޮޑުވާނެއެވެ. އަދި މި ޓަރމިނަލާއެކު އެތަނުން ފޯރުކޮށްދޭ ޚިދުމަތްވެސް ތިން ގުނައަށް ފުޅާވެގެންދާނެއެވެ. 28 ހާސް އަކަމީޓަރުގެ ފްލޯ އޭރިއަކާއެކު ތަރައްޤީކުރާ މި ޓަމިނަލްގައި މިހާރު ކުރިއަށްދަނީ ލީންގެ މަސައްކަތް ނިންމާ ފައުންޑޭޝަންގެ މަސައްކަތްތައް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އާ ސީޕްލޭން ޓަރމިނަލްގެ އިމާރާތް ހެދުމަށް ނިންމާފައިވަނީ ސްޓީލް ސްޓްރަކްޗަރތަކެއް ބޭނުންކޮށްގެން ރާވާލެވޭގޮތަށެވެ.
އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، އާ ސީޕްލޭން ޓަރމިނަލަކީ މިހާރު ބެނުންކުރާ ޓަރމިނަލާއި ތަފާތުކޮށް އިމާރާތުގެ ދެފަރާތުންވެސް ބޭނުންކުރެވޭ 85 ޑޮކް ސިސްޓަމާއެކު ތަރައްޤީކުރާ ތަނެއްކަމަށެވެ.
އާދިލް މޫސާ ވިދާޅުވީ، މިހާރު ނިމުމަކާ ގާތްވެފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ އޮޕަރޭޝަނަށް ގެނައުމާހަމައަށް އާ ސީޕްލޭން ޓަރމިނަލްވެސް މިއަހަރު ނިންމާ ޚިދުމަތްދޭން ފެށޭނެކަމަށެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި އާ ސީޕްލޭން ޢިމާރާތުގެ މައިގަނޑު މަސައްކަތްތައް ނުވަތަ ސްޓީލް ސްޓްރަކްޗަރގެ މަސައްކަތްތައްވެސް ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު އެއަރޕޯޓުން 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށް ތައްޔާރުވާއިރު އެ ފެސިލިޓީއާ އެއްވަރަށް ސީޕްލޭނުންވެސް ކޭޓަރ ކުރެވޭނެ އެއްވެސް ދައްޗަކާނުލާ. އަނެއްހެން ބުނާނަމަ ސީޕްލޭން އޮޕަރޭޝަންތަކުންވެސް އިންޤިލާބީ ބަދަލުތަކެއް ފެނިގެންދާނެ. ފަސިންޖަރުން ހިތަހަމަޖެހޭ ފަސޭހަ ތަނަކަށްވެގެންދާނެ."- އާދިލް މޫސާ ވިދާޅުވިއެވެ.
އާދިލް މޫސާ ވިދާޅުވީ، އާ ސީޕްލޭން ޓަރމިނަލް ތަރައްޤީކުރަނީ ވީވީއައިޕީއަށް ވަރަށް ޚާއްޞަ ރަނގަޅު ޚިދުމަތްތަކަކާއެކުގައި ކަމަށެވެ. އެގޮތުން ވީވީއައިޕީގެ ޚިދުމަތްތަކަށް ވަކިން ކުޑަ ޓަރމިނަލެއް ހެދުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.
އާ ސީޕްލޭން ޓަރމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އާ ޓަރމިނަލްގެ އިތުރުން މެއިންޓަނަންސާއި ރިޕެއަރ އަދި އޯވަހޯލް ފެސިލިޓީ ޤާއިމުކުރުމަށްވެސް ޚާއްޞަ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.
މުޅި ސީޕްލޭން ޓަރމިނަލްގެ މަޝްރޫޢަށް 50 މިލިއަން ޑޮލަރު ހޭދަވެއެވެ. މި މަޝްރޫގެ މަސައްކަތް ކުރަނީ ޗައިނާގެ އެންމެ ބޮޑު ކޮންސްޓަރކްޝަން ކުންފުނިކަމަށްވާ ބެއިނޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީއާ ހަވާލުކޮށްގެންނެވެ. ސީޕްލޭން އޮޕަރޭޝަންގައި ބޭނުންކުރުމަށް އާ ޓަރމިނަލްއެއް އެޅުމަށް 1.83 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ.