ކުންފުނިތަކުގެ އޮޑިޓަރުންނާއި އެކައުންޓިންގ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބޭއްވި މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2018 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމަކީ، އޮޑިޓަރ ޖެނަރަލްގެ އޮފީހުން އިސްނަންގަވައިގެން އޮޑިޓިންގ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އަހަރަކު އެއްފަހަރު ކުރިއަށްގެންދާ ފޯރަމެކެވެ. މިފަހަރުގެ ފޯރަމްގެ ޝިޔާރަކީ "އެޑިންގ ވެލިއު އެންޑް އިމްޕެކްޓިން ލައިވްސް"އެވެ. މި ފޯރަމްގައި ބައިވެރިވި އޮޑިޓް ފަރމްތަކުގެ އޮޑިޓަރުންންނަށް ވަނީ ތަފާތު ދައިރާތަކުން ވިޔަފާރިއާއި އިޤްތިޞާދުގެ ތަޖުރިބާކާރު ބައެއް ތަޖުރިބާކާރުން މެދުވެރިކޮށް މަޢުލޫމާތުދީފައެވެ.
ފޯރަމް ނިންމުމަށް ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވާ އެމްއޭސީއެލްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ބަންދު އިބްރާހިމް ސަލީމް ވަނީ މި ފޯރަމުން ލިބުނު މަޢުލޫމާތު އަމަލީ މައިދާނުގައި ބޭނުންކުރުމަށް ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން އެކައުންޓިންގ ޕްރޮފެޝަންގެ ބިލް މަޖިލީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން ދިވެހިރާއްޖެ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް)ގެ މެމްބަރަކަށް ވުމަށް ކުރަންޖެހޭ ކަންކަން ކުރާނެކަމަށާއި، އަދި އެކައުންޓިންގ އާއި އޮޑިޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަރާތައް ރަޖީސްޓްރީ ވުމަށް ހުޅުވާލާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"ރަޖިސްޓްރީ ވުމުން ލިބިގެންދާ ފައިދާތަކުގެ ގޮތުގައި، އެ އޮފީހުން ހިންގާ، އިންސްޓިޓިއުޓް އޮފް އޮޑިޓިންގ އެންޑް އެޝުއަރަންސް (އައި.އޭ.އޭ) އިން ކުރިޔަށް ގެންދާ ޓްރެއިނިންގ ތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމާއި، ޓްރޭނިންގ އަށް ހޭދަވާ ވަގުތު މިފަންނުގެ މީހުން ފުރިހަމަ ކުރަންޖެހޭ ސީ.ޕީ.ޑީ ވަގުތުގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު ލިބުމާއި، ފަންނުގެ މީހުންގެ މަޢުލޫމާތު އެއްތަނަކުން ލިބިގެންދާނެ" އައިމަން ވިދާޅުވިއެވެ.
މި ފޯރަމްގެ ބައިވެރިން ބުނީ، ފޯރަމުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ހިސާބުތައް ބެލެހެއްޓުމާ ބެހޭގޮތުން ގިނަ މަޢުލޫމާތުތަކެއް ލިބިގެންދިޔަކަމަށެވެ. މިއީ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ބޭއްވި ދެވަނަ އަހަރެވެ.