ކުޅިވަރު

ރޮނާލްޑޯ ޔުވެންޓަސްއަށް!


ރެއާލް މެޑްރިޑުގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސް އަށް ވިއްކާލަން ނިންމައިފި ކަމަށް އިޓަލީގެ ނޫސްތަކުން ބުނެފި އެވެ.

ޔުވެންޓަސްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މިހާރުވަނީ ޔުވެންޓަސްގެ އެގްރީމަންޓްގައި ސޮއިކޮށްފައި ކަމަށެވެ. ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޔުވެންޓަސް ބަދަލުވުމަށް ރޮނާލްޑޯ މެޑިކަލް ހެދީ ޖަރުމަނުގައި ކަމަށް ވެސް އިޓަލީގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް ރެއާލް މެޑްރިޑާއި ޔުވެންޓަސްއިން މިކަން ރަސްމީކޮށް އަދި ކަށަވަރުކޮށްނުދެ އެވެ. ނަމަވެސް މަޝްވަރާކުރެވެމުންދާ ކަމަށް ދެ ފަރާތުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ފަސް ފަހަތު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ ގަތުމަށް އިޓަލީގެ ޗެމްޕިއަން ޓީމުން ހުށަހަޅަނީ 88 މިލިއަން ޕައުންޑެވެ. މިއީ މެންޗެސްޓާ ޔުނައިޓެޑުން 2009 ވަނަ އަހަރު ރޮނާލްޑޯ ގަތުމަށް ރެއާލް މެޑްރިޑުން ހޭދަކުރި އަދަދަށްވުރެ ވެސް ބޮޑު އަދަދެކެވެ. ރޮނާލްޑޯ އާއި ރެއާލް އެންމެ ފަހުން ސޮއިކުރި އެގްރީމަންޓްގައި އެނާ ވިއްކާލަން ނިންމާފައިވާ އަގަކީ 400 މިލިއަން ޔޫރޯ އެވެ.

ނަމަވެސް މިއަށްވުރެ މާކުޑަ އަގެއްގައި ރޮނާލްޑޯ ވިއްކާލަން ރެއާލް ވިސްނަން ފެށީ އޭނާގެ އުމުރު 33 އަށްވުރެ މަތިވުމާއި ޓީމު ޒުވާންކޮށްލުމުގެ ވިސްނުމުގަ އެވެ. ނަމަވެސް ރޮނާލްޑޯ ވިއްކާފައި ފްރާންސްގެ ޕީއެސްޖީގެ ޒުވާން ފޯވަޑް 19 އަހަރުގެ ކޭލިއަން އެމްބާޕޭ ގެންނަން އުޅޭ ވާހަކަ ރެއާލްއިން ވަނީ ދޮގުކޮށްފަ އެވެ.

އިޓަލީގެ ނޫސްތަކުން މޮއްގީއާ ހަވާލާދީ ބުނެފައިވަނީ ޔުވެންޓަސް އަށް ޔޫރަޕުގައި ކާމިޔާބު ނުލިބިގެން އުޅެނީ ފޯވަޑްލައިން ވަރުގަދަނުވެގެން ނޫން ކަމަށެވެ. އަދި ރޮނާލްޑޯ ގެނައުމަކީ ޔުވެންޓަސް ޔޫރަޕުގައި ކާމިޔާބު ހޯދަން ލިބޭ ހައްލެއްނޫން ކަމަށެވެ. އަނެއްކޮޅުން މި ޑީލް ފައިނަލް ކުރުމަށް އޮތް އަނެއް ހުރަހަކީ ރޮނާލްޑޯގެ މުސާރަ އެވެ. ޔުވެންޓަސްއިން މިހާރު އެންމެ ބޮޑު މުސާރައެއްދެނީ އާޖެންޓީނާގެ ފޯވަޑް ގޮންޒާލޯ ހިގުއައިން އަށެވެ.

ރޮނާލްޑޯ އަށް އަހަރަކު 30 މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ދޭން ހުށަހަޅާފައިވާއިރު މިއީ ހިގުއައިން އަށްދޭ މުސާރައަށްވުރެ ހަތަރުގުނަ ބޮޑު އަދަދެކެވެ.