ރިޔާސީ އިންޚާބުގެ ޤާނޫނަށް ހުށައެޅި އިސްލާޙްތަކާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިސްލާޙް ހުށައެޅުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލްތައް މަޖިލީހުން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓްގައި ބައިވެރިވި 34 މެމްބަރުންގެ އިއްތިފާޤުންނެވެ.
ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށައެޅި އިސްލާޙް މަޖިލީހަށް ހުށައަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސެއިން މުޙައްމަދު ލަތީފެވެ. މި އިޞްލާޙްގެ ދަށުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެނޑިޑޭޓުން ދައްކަންޖެހޭ އިދާރީ ފީ ސާޅީސްހާސް ރުފިޔާއިން އެއްލައްކަ ރުފިޔާއަށް ބޮޑު ކޮށްފައިވެއެވެ.
ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސެއިން މަނިކު ހުށައެޅުއްވި އިސްލާޙްގައި ވަނީ ރާއްޖޭގެ އިތުރުން ބޭރުގެ އެއްވެސް ޤައުމެއްގެ ރައްޔިތަކަށް އެއްވެސް އިރެއްގައި ވެފައިވާ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އެމީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލިތާ ދިހަ އަހަރުން ފަހުންކަމަށެވެ. މި ބިލް މަޖިލީހުން ފާސްކޮށްފައިވަނީ ކޮމިޓީ މަރުހަލާގައި ބިލަށް ގެނައި އިސްލާޙްތަކާއެކުގައެވެ. އެގޮތުން އެހެން ޤައުމެއްގެ ހިމާޔަތް ހޯދާފައިވާ މީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ، ހިމާޔަތް ދޫކޮށްލިތާ 10 އަހަރު ފަހުންކަމަށް ކޮމިޓީ މަރުޙަލާގައި ވަނީ ބިލަށް އިތުރުކޮށްފައެވެ.
މީގެ އިތުރުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ 34 އިސްލާޙެއް ހުށައަޅުއްވާފައެވެ. މި އިސްލާޙްތައް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު ޢަލީ މުޙައްމަދެވެ. މި އިސްލާޙްތައް ހުށައަޅުއްވާފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ހުށައެޅުނު މައްސަލައިގައި ސުޕްރީމް ކޯޓުން ނެރެފައިވާ އިންތިޚާބުތަކުގައި ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިނާ އެއްގޮތަށް ޤާނޫނަށް ބަދަލުގެނައުމަށްޓަކައެވެ. އަދި ރާއްޖޭގައި ބާއްވާ ހުރިހާ އިންތިޚާބުތަކަކީ މިނިވަން އިންސާފުވެރި އިންތިޚާބުތަކެއްކަން ކަށަވަރު ކުރުމަށެވެ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާޙްތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުން ހަމަހަމަ ފުރުޞަތު ދޭންޖެހެއެވެ. އަދި ވަކި ކެނޑިޑޭޓަކަށް ނުވަތަ ޕާޓީއަކަށް އިތުރަށް ވަގުތު ވިއްކައިގެން ނުވާނޭކަމަށްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި އިޞްލާޙާއި އެކު ޤާނޫނާއި ހިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންގެ މައްސަލަތައް ހުށައަޅާ ފަސޭހަކަމާއި އެކު ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް އާ އިސްލާހުގައި ބްރޯޑްކާސްޓިން ކޮމިޝަނަށްގެ މައްޗަށްވެސް ވަނީ ލާޒިމުކޮށްފައެވެ. އަދި އެފަދަ ބްރޯޑްކާސްޓަރުންގެ މައްޗަށް ޖިނާއީ ދައުވާކުރުމަށް ޕީ.ޖީ އޮފީހަށް ހުށައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދީފައިވެއެވެ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާޙްތަކުގެ ތެރޭގައި ވޯޓް ކަރުދާހުގައި ކެނޑިޑޭޓުގައި ނަމާދިމާގައި ރަނގަޅު ފާހަގަ ޖެހުން ފިޔަވައި އިތުރު އެއްޗެއް ލިޔެ ނުވަތަ ކުރަހައިފިނަމަ އެވޯޓް ކަރުދާސްކޮޅެއް ބާތިލުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އިންތިޚާބާބެހޭ ޤާނޫނުތަކަށް އިސްލާޙް ހުށައެޅުމުގެ ތިން ބިލުވެސް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓްގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ. މި ބިލްތައް ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ 2 ޤަޟިއްޔާއަކަށް ރިޢާޔަތްކޮށް ރައްޔިތުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށައެޅި ހުށައެޅުމެއް މަޖިލީހުން ފާސްކުރުމަށް ފަހުގައެވެ. މަޖިލީހުގެ ރައީސްގެ މޭޒުން ހުށައެޅި ހުށައެޅުމުގައިވަނީ ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ މާއްދާގެ (ބ) ގައި ބުނާ ޢަދަދު ހަމަ ނުވިނަމަވެސް، މި ބިލްތަކަކީ ދައުލަތުގެ އަސާސީ މަސްލަހަތާ ގުޅިފައިވާ ބިލްތަކަކަށްވާތީ، އެމާއްދާގެ (ހ) ގައި ބުނާ 25 އިންސައްތަ މެމްބަރުން ހަމަވާނަމަ މި ބިލްތައް ފާސްކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށެވެ. މި ހުށައެޅުން ވޯޓްގައި ބައިވެރިވި 31 މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 37 ވަނަ މާއްދާގެ (ބ) ބަޔާންކޮށްފައިވަނީ ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމު އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްދިޔައިރު ތަޅުމުގައި ތިއްބެވީ 35 މެމްބަރުން ނަމަވެސް، އެމް.ޑީ.ޕީގެ 10 މެމްބަރުންނާއި، ޖުމްހޫރީ ޕާޓީގެ 4 މެމްބަރުން މަޖިލީހަށް ޙާޟިރުވިކަމަށް ސޮއިކުރުމަށްފަހު ތަޅުމަށް ޙާޟިރުވެފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް އިސްލާޙް ގެނައުމުގެ ބިލެއްވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ތައާރަފްކޮށްފައެވެ. މި ބިލް މަޖިލީހަށް ހުށައަޅާފައިވަނީ ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީއެވެ.