ޚަބަރު

ބްރިޖުގެ މަސައްކަތް ލަހެއްނުވޭ - ޑރ. މުޢިއްޒު


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓް ކޮށްފައިވާ ތާރީޚަކީ އަންނަ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަސްކަމަށާ، ބްރިޖުގެ މަސައްކަތް ލަސްނުވާކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ ޢަމަލީ މަސައްކަތް ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހަބަރ އިންޖިނިއަރިންގ ކޮމްޕެނީއާ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. ދިގުމިނުގައި 1.39 ކިލޯމީޓަރު ހުންނަ މި ބްރިޖުގައި މިހާރު ކުރަމުންދާ މަސައްކަތަކީ ބްރިޖުގައި ހިމެނޭ މައިތަނބުތަކުގެ ތެރެއިން އެންމެފަހު 2 ތަނބު ގުޅުވާލުމުގެ މަސައްކަތެވެ. މި ހުރިހާ ތަނބުތަކެއްވެސް ގުޅުވާލުމުގެ މަސައްކަތް ކުރަމުންދަނީ ޗައިނާއިން ފެބްރިކޭޓްކޮށްގެން ރާއްޖެ ގެނައި ސްޓީލް ބޮކްސް ގާޑާ ބީމްސް މެދުވެރިކޮށެވެ.

ބްރިޖުގެ ހުރިހާ ތަނބުތަކެއް ގުޅާލުމުގެ މަސައްކަތް މިމަހުގެ 9 ވަނަ ދުވަހަށް ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނިކޮށް، ބްރިޖުގެ މަސައްކަތް މުޅިން ނިންމާލުން މިމަހުގެ ފަހުކޮޅަށް ލަސްވެފައިވާކަމަށްބުނެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާގުޅިގެން މިނިސްޓަރ މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބްރިޖުގެ މަސައްކަތް ނިންމަން ކޮންޓްރެކްޓްކޮށްފައިވާ ތާރީޚަކީ 25 ސެޕްޓެމްބަރ 2018 އަށް ކަމަށެވެ. އަދި ބްރިޖުގެ މަސައްކަތް އެއަށްވުރެ 2 މަސްދުވަސް ކުރިން ޖުލައި މަހުގެ 26 އަށް ނިންމުމަށް ކޮންޓްރެކްޓަރ އިސްނެގީ އަމިއްލައަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ބްރިޖުގެ މަސައްކަތް ސެޕްޓެމްބަރ މަހުގެ 25 އަށްވުރެ ކުރިން ނިމޭ ކޮންމެދުވަހަކީ އަވަސްވުމެއް ކަމަށާ، އެއީ ލަސްވުމެއް ނޫންކަން މިނިސްޓަރ ކުރެއްވި ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

ވެރިރަށް މާލެއާއި ރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ދިވެހިންގެ އުންމީދީ ސިޓީ، ހުޅުމާލެއާ ގުޅުވާލުމާކީ، ސަރުކާރުން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބިޔަ މަޝްރޫޢެވެ. އަދި މިއީ އިންޖިނިއަރިންގގެ ދާއިރާއިންވެސް ރާއްޖޭގައި މިވަގުތު ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢެވެ. ޗައިނާ ސަރުކާރުގެވެސް އިސްދަޢުރަކާއެކު ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ސަބަބުން ގްރޭޓަރ މާލޭ ސަރަޙައްދުގެ އެއްގަމު ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ބުނެއެވެ.