ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމަށް ކޮލަމްބިޔާއާ ދެކޮޅަށް ކުޅެން އިނގިރޭސިން ހާސް ނުވާ ކަމަށާއި، މެޗުން ބަލިވެގެން ގެއްލޭނެ އެއްޗެއް ނެތް ކަމަށް އިނގިރޭސި ކޯޗު ގެރެތް ސައުތް ގޭޓް ބުނެފިއެވެ.
އޭނާ މިހެން ބުނީ 2006ގެ ފަހުން ކުޅުނު ހުރިހާ މުބާރާތެއްގައި ވެސް ދެ ވަނަ ބުރުން އިނގިރޭސިން ކަޓާފައިވާތީއެވެ.
"އަހަރުމެން މިދިޔަ 12 އަހަރުތެރޭގައި ކަޓާފައިވަނީ މި ސްޓޭޖުން. (ދެ ވަނަ ބުރުން). އެހެންވީމާ ބަލިވެގެން އަހަރުމެން ވެއްޓޭނީ ކުރިންވެސް ވެއްޓުނު ވަޅަށް. މިހެންވެ މެޗުން ބަލިވެގެން ވާނެ ގޮތަކާމެދު އަހަރުމެން ނުވިސްނަން. އެއީ މާނައެއްނެތް ކަމެއް. އަހަރުމެނެ މާމަތިވެރި އުއްމީދެއް ނުކުރަން،" ކޯޗު ބުންޏެވެ.
އޭނާ ބުނީ އިނގިރޭސިން ކުޅޭނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ދެއްކި ކުޅުން ކަމަށާއި، މި މެޗަށް އިނގިރޭސިންގެ ސްޓައިލް ބަދަލު ނުކުރާނެ ކަމަށެވެ.
"އަހަރުމެން ވިސްނާނީ އަހަރުމެންގެ ގޭމް ކުޅެން. ކުރީ މެޗުތަކުގައި ވެސް އަހަރުމެން ކުޅުނު ކުޅުން މި މެޗުގައި ވެސް ދައްކަން މަސައްކަތް ކުރާނީ،" ކޯޗު ބުންޏެވެ.
ކޮލަމްބިއާއާ ދެކޮޅަށް މިރޭ ކުޅޭ މިމެޗުގެ ކުރިން ވާހަކަ ދައްކަމުން ގޭޓް ބުނީ މެޗު އެއްވަރުވެއްޖެނަމަ ޕެނަލްޓީ ޖަހަން ޖެހޭތީ އެކަމަށް ވެސް އޭނާގެ ޓީމު ތައްޔާރުވެފައިވާ ކަމަށެވެ.
އިނގިރޭސިންނަށް ވަނީ ފާއިތުވެދިޔަ 12 ވަރަކަށް އަހަރު ތެރޭގައި ޕެނަލްޓީ ޖަހަން ޖެހުނު ހުރިހާ މެޗެއް ވެސް ނާކާމިޔާބުފައެވެ. މީގެ ތެރެއިން ޔޫރޯ 96ގައި ޖަރުމަނު ކޮޅަށް ޕެނަލްޓީ ނާކާމިޔާބުކޮށްލި އެއް ކުޅުންތެރިއަކީ ވެސް ސައުތް ގޭޓެވެ.
"އަހަރުމެން ވަނީ ވަރަށް ގިނަ ގޮތްގޮތަށް މެޗަށް ތައްޔާރުވެފައި. އެކަން (ޕެނަލްޓީ ޖަހަންވެއްޖެނަމަ) ކުޅުންތެރިންގެ ތަރުތީބު ވެސް ވަނީ ނިންމާފައި. އެކަމަކު އެހާހިސާބަށް ދިއުމުގެ ކުރިން މެޗުގައި ކުރަންޖެހޭ ކަންތައްތައް ބައިވަރު،" ކޯޗު ބުންޏެވެ.
2010ގެ ޗެމްޕިއަން ރަޝިޔާ އަތުން ބަލިވެ ސްޕެއިން ކަޓާފައިވާތީ އިނގިރޭސިންނަކީ މިހާރު މުބާރާތުގެ ފައިނަލަށް ދިއުމަށް އެއްފަޅިން ފުރުސަތު އޮތް ހަމައެކަނި ޗެމްޕިއަން ޓީމެވެ. އިނގިރޭސިން ވޯލްޑް ކަޕް ކާމިޔާބު ކުރީ 1966 ގައެވެ.