އިހަވަންދިއްޕޮޅުގައި ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު "އައިހަވަން" މަޝްރޫޢުގެ މަތިން ހަނދުމަފުޅު ނުނެތޭކަމަށާ، އެ މަޝްރޫޢު ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވައިފިއެވެ.
ށ. ފުނަދޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމައި އެރަށުގެ އެއަރޕޯޓުގެ ރަންވޭގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކުގެ ލިސްޓުން "އައިހަވަން" މަޝްރޫޢު ކައްސާނުލާކަމަށާ، އެ މަޝްރޫޢުގެ މަތިން ސަރުކާރުން ހަނދާން ނުނެތޭކަމަށެވެ. އަދި އެ މަޝްރޫޢު މަޑުޖެހިފައިއޮތީ، ފައިސާ ނެތިގެން ނުވަތަ އިންވެސްޓްކުރާނެ ފަރާތްތައް ނެތިގެން ނޫންކަމަށާ، މަޝްރޫޢު މަޑުޖެހިފައި އޮތްސަބަބު މިވަގުތަށް ހާމަކުރެވެން ނެތްކަމަށެވެ.
އެހެންނަމަވެސް އައިހެވަން މަޝްރޫޢަށް ބޭނުންވާ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ހައިހަވަން މަޝްރޫޢު އަދިވެސް ކުރިއަށްދާނެކަމަށެވެ.
އައިހަވަން މަޝްރޫޢާ ގުޅުވައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެފަދަ ބިޔަމަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި އެކިގޮތްގޮތުން ސަރުކާރަށް ހުރަސްއަޅައި ބޭރުގެ އިންވެސްޓަރުން ރާއްޖެ ނައުމަށް އެންމެ ފާޅުކަން ބޮޑުގޮތެއްގައި ގޮވާލީ ޚުދު އިދިކޮޅު ފަރާތްތަކުންކަމަށެވެ. އަދި ފ.އަތޮޅުގައި ސަރުކާރުން ހިންގަން މަސައްކަތް ކުރި ބިޔަ މަޝްރޫޢުވެސް މަޑުޖައްސާލަން މަޖުބޫރުވީ އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުރިގޮތުންކަމަށާއި، ޤައުމުގެ ތަރައްޤީއަށްޓަކާ އިދިކޮޅު ފަރާތްތަކުގެ އިޙްލާސްތެރިކަން ހުރި މިންވަރު މިއަދު ރައްޔިތުންނަށް އެނގިހާމަވެފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އައިހެންވަން މަޝްރޫޢަކީ ރައީސް ޢަބްދުﷲ ޔާމީންގެ އިޤްތިޞާދީ ތަޞައްވުރުގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫޢެވެ. ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގައި ހިމެނޭ ސްޕެޝަލް އިކޮނޮމިކް ޒޯން، އެސް.އީ.ޒެޑްގެ ޤާނޫނުގެ ދަށުން ތަރައްޤީކުރާ އައިހެވަން މަޝްރޫއުގައި ހިމެނެނީ މައިގަނޑު 6 ކަމެކެވެ. އެއީ ބަނދަރަކާއި، އެއަރޕޯޓަކާއި، ބަންކަރިންގެ ޚިދުމަތާއި، ޝޮޕިން މޯލްތަކުގެ އިތުރަށް، ރިއަލް އެސްޓޭޓާއި، ރިސޯޓު ތަރައްޤީކުރުމެވެ.