ދުނިޔެ

އިސްރާއީލުން ހިންގާފައިވަނީ ބައިނަލް އަޤުވާމީ ޤާނޫނުތަކާއި ޚިލާފު އަމަލެއް


 


 


އިސްރާއީލުން، ޣައްޒާގައި އދން ހިންގާ ސްކޫލަކަށް ބުދަ ދުވަހު ދިން ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވާ ފަދަ ޢަމަލެއް ކަމަށް ފަލަސްޠީނުގައި ހަރަކާތްތެރިވާ އދގެ އިދާރާއިން ވަނީ ބުނެފި.


 
އިސްރާއީލުގެ ހަމަލާތަކުން ރައްކާތެރިވުމަށް ފަލަސްޠީނުގެ ތިންހާހެއްހާ ރައްޔިތުން ފިލާ ތިބި މި ސްކޫލަށް ދިން ހަމަލާގައި 16 މީހުން ޝަހީދުވެ އެތަށް ބަޔަކު ވަނީ ޒަޚަމްވެފައެވެ.


 
ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިސްރާއީލުން ޣައްޒާގެ ޖަބާލިއްޔާ ރެފިއުޖީ ކޭމްޕްގައި ހުންނަ ސްކޫލަކަށް ހަމަލާ ދީފައިވަނީ އެއްވެސް އިންޒާރެއް ވެސް ނުދީއެވެ.


 
1948 ވަނަ އަހަރު ޣައްޒާގައި އުފެދުނު ޖަބާލިއްޔާ ރެފިއުޖީ ކޭމްޕަކީ 100 ހާހަށް ވުރެ ގިނަ މީހުން އުޅެމުންދާ ނިސްބަތުން ކުޑަ ސަރަހައްދެކެވެ. އިސްރާއީލުން ޓޭންކަރު ބަޑި ބޭނުންކޮށްގެން ހަމަލާ ދީފައިވާ ސްކޫލަކީ ފަލަސްޠީނުގައި ހަރަކާތްތެރިވާ އދގެ އެހީދޭ އިދާރާއިން އަޅާ ހިންގަމުންދާ ސްކޫލެކެވެ.


 
އިސްރާއީލުން ހަމަލާތައް އަމާޒުކުރި އިރު އެސްކޫލުގައި، ޣައްޒާގެ އެހެން ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުން ސަލާމަތްވުމަށް އެއިމާރާތުގެ ހިޔާވަހިކަން ހޯދަމުން ދިޔަ ޣައްޒާގެ 3000 ހާހަށް ވުރެ ގިނަ ރައްޔިތުން ތިއްބެވެ. މީގެ ތެރޭގައި ގިނައީ އަންހެންނުންނާ ކުޑަކުދިންނެވެ.


 
ބައިނަލްއަޤްވާމީ ޤާނޫނު ބުނާގޮތުން އެއްވެސް ގައުމެއްގައި ހުންނަ އދގެ އިމާރާތްތަކަކީ އެއްވެސް ހާލެއްގައި ހަމަލާއެއް އަމާޒުވެގެންވާނެ ތަންތަނެއް ނޫނެވެ. އެތަންތަނަކީ ރައްކާކުރެވިފައިވާ ތަންތަން ކަމަށް މި އދގެ ހުރިހާ މެމްބަރު ގައުމަކުން ވެސް ޤަބޫލުކުރަން ޖެހޭ މި ޤާނޫނުތައް ބުނެއެވެ.


 
އދގެ އިމާރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތައް ނުދޭ ކަމަށް ޔަހޫދީ ދައުލަތުން ތަކުރާރުކޮށް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ޢަލްޖަބާލިއްޔާގެ ސްކޫލަށް ދިން މި ހަމަލާ އައިސްފައިވަނީ އިސްރާއީލުގެ ޓޭންކަރަކުން ކަން އދގެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.


 
ޣައްޒާގައި ހަރަކާތްތެރިވާ އދގެ އިދާރާގެ ތަރުޖަމާނު ވިދާޅުވީ، ހަމަލާ ދިން ސްކޫލަށް އެއިދާރާގެ ވަފުދެއް ޒިޔާރަތް ކުރި ކަމަށާ އެސަރަހައްދަށް ދިން ޓޭންކަރު ބަޑީގެ ހަމަލާތަކުގެ ބައިތައް ތަހްޤީޤު މިއީ އިސްރާއީލުގެ ހަމަލާއެއް ކަން ޔަޤީންކޮށް ބުނާ ކަމަށެވެ.


 
އެއިދާރާއިން ބުނީ އެސްކޫލު ހުރިތަން އިސްރާއީލަށް 17 ފަހަރެއްގެ މަތިން އަންގާފައިވާނެ ކަމަށާ އެތަނުގައި ތިބީ ޢާއްމުންކަން ބަޔާކޮށްދީފައިވާނެ ކަމަށެވެ.


 
އދން ޣައްޒާގައި 85 އިމާރާތް ހިންގަމުންދާ އިރު މީގެ ތެރެއިން 6 އިމާރާތަކަށް އިސްރާއީލުން ވަނީ ހަމަލާ ދީފައެވެ.


 
ބުދަދުވަހުގެ ހަމަލާ އދގެ މައި އިދާރާއިން ވެސް ކުށްވެރިކޮށްފައިވާ އިރު މި ހަމަލާގެ ޒިންމާ ވެސް އިސްރާއީލުން އަޅުވާފައިވަނީ ހަމާސް ޖަމާޢަތުގެ ބޮލުގައެވެ.


 
 


މި ހަމަލާ ކުށްވެރިކުރައްވާ އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ކުޑަކުދިންތަކެއް ނިދާފައި ތިއްބާ އެކުދިންނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ އެންމެ ދަށު ދަރަޖައިގެ ރަހުމްކުޑަ ޢަމަލެއް ކަމަށެވެ. އެހެން ނަމަވެސް އިސްރާއީލުގެ މިފަދަ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްވެސް ފިޔަވަޅެއް ނޭޅުމަކީ މިއަށް ވުރެ ވެސް ދަށު ދަރަޖައިގެ ޢަމަލަކަށް ވާނެކަން ޔަޤީނެވެ.