އަންނަ ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ.
ޢުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްވެސް ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާ އޮފިޝަލަކަށްވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެފަރާތްތަކަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަމަށް ވެގެންނުވާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ. މީގެ އިތުރުން އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ އަދި އެއްވެސް ކެންޑިޑޭޓެއްގެ އާއިލީ މެންބަރަކަށްވެސް އެ މީހަކު ވެގެން ނުވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒް ކުރަމުންދާ އެއްވެސް މީހަކަށް މިކަމަށް ކުރިމަތި ނުލެވޭނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި މިކަމަށް މީހުން ހޮވުމުގައި ތަޢުލީމީ ފެންވަރަށާއި އަމަލީ ތަޖުރިބާއަށްވެސް ބަލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އޮފިޝަލުކަމަށް ކުރިމަތިލާން ޝަޢުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ކޮށްފައިވާ ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް 19 ޖުލައިގެ ކުރިން ހުށަހަޅަން ޖެހެެއެވެ. އިލެކްޝަންސް ކޮމިޝަނުގެ މައި އޮފީހުން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިދާރާއަށްވެސް ފޯމް ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގެ ވެރިންގެ ގޮތުގައި ހަރަކާތްތެރިވާ މީހުންނަށް އުޖޫރައެއްގެ ގޮތުން އެއްހާސް ފަސްސަތޭކަ ރުފިޔާ އަދި ވެރިޔާގެ އެހީތެރިންގެ ގޮތުގައި ޙަރަކާތްތެރިވާ މީހުންނަށް އެއްހާސް ދުވިސައްތަ ރުފިޔާ ހަމައެކަނި ވޯޓުލާ ދުވަހު ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެނޫންފަރާތްތަކަށް އެއްހާސް ރުފިޔާ، އަދި ރިސާރވް އޮފިޝަލެއްނަމަ ފަސް ސަތޭކަ ރުފިޔާ ހަމައެކަނި ވޯޓުލާ ދުވަހު އުޖޫރައެއްގެ ގޮތުގައި ދިނުމަށް އެކޮމިޝަނުން ވަނީ ނިންމާފައިވެއެވެ. މީގެ އިތުރުން ވޯޓުލާދުވަހު ކެއުމުގެ ކަންކަންވެސް އެ ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެހިގެންދާނެކަމަށް އެކޮމިޝަނުން ބުނެއެވެ.
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން އެކަމަށް ޚާއްސަ ތަމްރީނެއް ފުރިހަމަކުރަންޖެހޭއިރު، މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށައަޅާ ފާސް ދޫކުރެވިއްޖެނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.