އިދިކޮޅު ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން މަޖިލީހުގެ ޖަލްސާތަކަށް ހާޟިރު ނުވާތީ ޕީޕީއެމް-އެމްޑީއޭ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން އެކަން ކުށްވެރިކޮށްފިއެވެ.
ޕީޕީއެމް-އެމްޑީއޭ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވީ، އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ޙާޟިރު ނުވި ނަމަވެސް، ކޮމިޓީ އެލަވަންސްގެ ބޭނުމުގައި މަޖިލީހުގެ ކޮމިޓީ ތަކަށް ޙާޟިރުވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންނަ ދުވަހު މަޖިލީހުން މެންބަރުންނަށްދޭ ޚިދުމަތްތައްވެސް އެމެންބަރުން ބޭނުންކުރާކަމަށް ނިހާން ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތު ބަލައި ނުގަންނަކަމަށް ބުނެ މަޖިލީހުގެ ތަޅުމަށް މެންބަރުން ޙާޟިރު ނުވެ ރައްޔިތުންނަށް އޮޅުވާލަމުންދާކަމަށް ނިހާން ފާހަގަކުރެއްވިއެވެ.
"ކޮންމެ ކޮމިޓީއަކަށް ބަރާބަރަށް ވަޑައިގަންނަވާނެ އެކަމަކު މަޖިލީހުގެ ތަޅުމަށްވަދެ ރައްޔިތެއްގެ ޙައްޤުގަ ބަހެއް ބުނަލާ އަދި އެމީހުންނަށް ހުށައެޅިގެން އުޅޭކަމަކީ ގޯސްކަމެއްކަމުގަ ބުނެދެވެން އޮންނަ ފުރުޞަތުގެވެސް ބޭނުންކޮށްނުލާ ވަޑައިގަންނަވަނީ. އެހެންވީމާ އެއީ ވަރަށް ހަރުކަށި އިބާރާތުން އަޅުގަނޑުމެން ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން ކުށްވެރިކުރާ ކަމެއް" ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު މަޖިލިސް މެންބަރުން ބައިވެރި ނުވަނީ އެމެންބަރުންގެ ޒިންމާދާރުކަން ކުޑަކަމުން ކަމަށެވެ. މަޖިލީހުގެ ރިޔާސަތުވެސް އެފަރާތްތަކުން ބަލައިގަންނަކަން އެމީހުންގެ ޢަމަލުތަކުން އެނގޭކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
"މަޖިލިސްގެ ތަޅުމަށް އަންނަ ކަންކަމުގައި ބައިވެރިނުވާ ރައްޔިތުންގެ މަންދޫބުންނާ ދޭތެރޭގައި ރައްޔިތުން މިއަދު އެބަޖެހޭ ސުވާލުކުރަން. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުނުދާކަމަށް ވަންޏާ ރައްޔިތުންގެ މަޖިލީހުގެ ޙާޟިރީ ފޮތުގަ މިވަގުތު ސޮއިކުރައްވައިގެނެއް ނުވާނެ. ހަމަ އެގޮތަށް ރައްޔިތުންގެ މަޖިލީސްގެ ރައީސްގެ އެންގެވުމުގެ މަތިން ކަންކަން ނިންމުމަށް ހަވާލުކުރާ ކޮމިޓީތަކުގެ ބައްދަލުވުމުގައިވެސް ބައިވެރިވެ އޭގަ ވޯޓް ދެއްވައިގެނެއްވެސް ނުވާނެ. މިކަންކަން ކުރާކަމަށްވަންޏާ އެއީ ރައްޔިތުންގެ މަޖިލީސްގެ ރައީސް ޤަބޫލު ނުކުރަނީކީ ނޫން" ޕީޕީއެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
އެމް.ޑީ.އޭގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރުން މުޙައްމަދު އިސްމާއީލް ވިދާޅުވީ، އިދިކޮޅު ޕާޓީތަކުގެ މެންބަރުން މަޖިލިސްތެރޭގައި ކަންތައްކުރާގޮތުން ރައްޔިތުންނާމެދު އެމީހުންގެ ހެޔޮ ނިޔަތެއް ނެތްކަން އެނގޭކަމަށެވެ. އަދި އިތުރު ދައުރަކަށް އެމެންބަރުން ހޮވުމުގެ ކުރިން ރައްޔިތުން ވިސްނަން ޖެހޭކަމަށް މުޙައްމަދު އިސްމާއީލް ވިދާޅުވިއެވެ.
"ރައްޔިތުންނަށް ހަމަ ގޮވާލަން ދެވަނަފަހަރަށް އެބޭފުޅުންގެ އަރިހަށް މިބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ވަނުމަށްޓަކައި ދިޔައީމަ ތިބޭފުޅުން ސުވާލުކުރާށޭ، އެބޭފުޅުންނަށް އެފުރުޞަތު ނުދޭށޭ." ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރުން މުޙައްމަދު އިސްމާއީލް ވިދާޅުވިއެވެ.
ވިލިފުށި ދާއިރާގެ މެމްބަރުން ރިޔާޒު ރަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުމުގެ ފުރުޞަތު އިދިކޮޅު މެންބަރުންނަށް ހުޅުވިފައިވާކަމަށެވެ.
"މިހާތަނަށް އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުމަށްގެނައި ހުރިހާ މައްސަލަތަކެއްވެސް ހުންނާނީ ބަލައިގެންފަ. އެބަހުރި ސަރުކާރަށް ސީދާ ނިސްބަތްވާގޮތަށް ވަރަށްގިނަ މައްސަލަތައް ގެނެސްފަ، އެމައްސަލަތައްވެސް ހުންނާނީ ބަލައިގެންފަ." ވިލިފުށި ދާއިރާގެ މެމްބަރުން ރިޔާޒު ރަޝީދު ވިދާޅުވިއެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ ނިހާންވަނީ، ވޭތުވެދިޔަ 4 އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލްތަކުގެ ތަފާސް ހިސާބުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން 4 އަހަރުގެ ތެރޭގައި ޖުމްލަ 149 ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު، އޭގެތެރެއިން 138 ބިލަކީ ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް މެދުވެރިކޮށް ހުށައެޅި ބިލްތަކެވެ. އަދި 8 ބިލަކީ ޕީޕީއެމް-އެމްޑީއޭ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން އަމިއްލަގޮތުން ހުށައެޅި ބިލްތަކެވެ. އެހެންކަމުން އިދިކޮޅަށް ނިސްބަތްވާ މެންބަރުން 4 އަހަރުގެތެރޭގައި މަޖިލީހަށް ހުށައަޅާފައިވަނީ ޖުމްލަ 3 ބިލެވެ.