މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓްއާއި މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށް ގެންދާ އެކަޑަމިކް އެކްސްޕޯ މިއަދާއި މަދާމާވެސް ކުރިއަށްދާނެއެވެ. ހަފްތާ ބަންދުގައި އެކްސްޕޯ ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4 ކުން 6 އަށް އަދި ރޭގަނޑު 8 ކުން 10:30 އަށެވެ.
އެމްއެއްއައިގެ ޑިރެކްޓަރ މުޙައްމަދު ޖިނާހު ވިދާޅުވީ، ހަފްތާ ބަންދުގައި އެކްސްޕޯ ކުރިޔަށް ގެންދަނީ ގިނަ އަދަދެއްގެ ބަޔަކު އެކްސްޕޯއަށް ޒިޔާރަތްކުރަން ބޭނުންވާތީކަމަށެވެ. އެކްސްޕޯއަށް ޒިޔާރަތްކޮށްގެން އެމްއެމްއައި އާއި އަދި ލިމްކޮކްވިންގ ގުޅިގެން ކުރިއަށްގެންދާ ކޯސްތަކުގެ އެންމެ ފަހުގެ މައުލޫމާތުލިބި އަމިއްލައަށް އެކަންތައްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޖިނާހް ފާހަގަކުރެއްވިއެވެ. އެގޮތުން އެކްސްޕޯގެ ތެރެއިން ސައުންޑް އެންޑް މިއުޒިކް އިކުއިޕްމަންޓް ބޭނުންކޮށްގެން އަމިއްލައަށް ރެކޯޑްކޮށް އެޑިޓްކުރުމާއި، ހެއަރ ޑްރެސިންގ ގެ އިތުރުން، ޑްރެސް މޭކިންގ ގައިވެސް ރާއްޖޭގެ ތަޖުރިބާކާރު ފަރާތްތަކާއިއެކު އެކަންތައްތައް ކުރިއަށްދާގޮތް އަމިއްލައަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް ޖިނާހް ވިދާޅުވިއެވެ.
ލިމްކޮކްވިންގ ޔުނިވަރސިޓީއާއި އެމްއެމްއައި ގުޅިގެން ކުރިއަށްގެންދާ އެޑިޔުކޭޝަން އެކްސްޕޯ ފަށާފައިވަނީ ޖޫންމަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް އެކްސްޕޯއަށް ލިބެމުންދިޔަ ތަރުހީބު ބޮޑުވުމުގެ ސަބަބުން އެމްއެމްއައި އިންވަނީ އެކްސްޕޯގެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. ޑިޒައިން ޔުއަރ ފިއުޗަރ ގެ ނަމުގައި ކުރިއަށްގެންދާ މި އެސްޕޯ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށްދާނީ ހަވީރު 4 ކުން 6 އަށް އަދި ރޭގަނޑު 8 ކުން 10:30 އަށެވެ.
މި އެކްސްޕޯ މެދުވެރިކޮށް އެމްއެމްއައި ހިންގަމުން އަންނަ ކޯސްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެކްސޕޯގެ ތެރއިން ރަޖިސްޓްރީ ކުރާ ކޯސްތަކަށް ޑިސްކައުންޓްތައް ލިބިގެންދާނެކަމަށްވެސް އެމްއެމްއައި ބުނެއެވެ. އެމްއެމްއައިއިން ބުނީ އެ އިންސްޓިއުޓޫން އެންމެ ބޮޑަށް މަސައްކަތްކުރަނީ ކްރިއޭޓިވް އިންޑަސްޓްރީގެ ކޯސްތަކުންވެސް ކުރިއަށްދިއުމުގެ ފުރުސަތު އޮތްކަން ޒުވާނުންނަށް އަންގައިދިނުމަށްކަމަށެވެ. އެމްއެމްއައިއިން ލިމްކޮކްވިންގ އާއި ގުޅިގެން 4 ޕްރޮގުރާމެއް އަންނަނީ ހިންގަމުންނެވެ. އޭގެއިތުރުން ޓިވެޓް 4 ޕްރޮގުރާމެއްވެސް އަންނަނީ ހިންގަމުންނެވެ.