ޚަބަރު

އީޔޫއާއެކު ސަރުކާރުން މަތީ ފެންވަރުގެ މަޝްވަރާތަކެއް މި ހަފްތާގައި ބާއްވަނީ


ދިވެހި ސަރުކާރުން ޔޫރަޕިއަން ޔޫނިއަން، އީޔޫއާއެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބައްދަލުވުންތައް ކުރިއަށްދާނީ މި ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު ބެލްޖިއަމްގެ ބްރަސްލްސްގައި ކަމަށެވެ.

މި މަޝްވަރާތަކުގައި ދިވެހި ސަރުކާރުން ބައިވެރިވެވަޑައިގަންނަވާ ވަފްދުގައި އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާސިމް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓަރގެ އަރިހުގައި ސަރުކާރުގެ ފަރާތުން ފިޝަރީޒް މިނިސްޓަރު ޑރ.މުޙައްމަދު ޝައިނީ އާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރާއި އީޔޫއަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދު ޝިއާންވެސް މި މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި މަޝްވަރާތަކުގައި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސަރވިސް އާއި ޔޫރަޕިއަން ޕާލިމެންޓުގެ އިތުރުން އީޔޫގެ އެހެން މުއައްސަސާތަކާއެކު ވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އީޔޫ އާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކޮށް ގިނަ ދާއިރާތަކަކާ ގުޅޭ މަޝްވަރާތައް ކުރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އީޔޫއާއެކު މަޝްވަރާކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ކްލައިމެޓް ޗޭންޖާއި މަސްވެރިކަމާއި ޝެންގެން ވިސާ އަދި އިންތިހާބުގެ ކަންކަމުގެ އިތުރުން، ޓެރަރިޒަމާއި ވިޔަފާރީގެ ދާއިރާ ހިމެނެއެވެ.

އީޔޫއާއިއެކު ދިވެހި ސަރުކާރުގެ އިސް ވަފްދެއް މި ހަފްތާގައި ބައްދަލުކޮށް އެކި ދާއިރާތަކުން މަޝްވަރާ ކުރުމަށް ނިންމާފައިވާއިރު 2015ވަނަ އަހަރުން ފެށިގެން އީޔޫއާއެކު ސަރުކާރުން ވަނީ މަތީ ފެންވަރުގެ މަޝްވަރާތަކެއް ފަށާފައެވެ.