ކުޅިވަރު

ޕޯޗުގަލް ބަލިކުރަން އިރާންގެ ކޮންމެ ކުޅުންތެރިއަކު ރޮނާލްޑޯ އަކަށް ވާންޖެހޭ: ކުއިރޯޒް


ވަރލްޑް ކަޕް ގްރޫޕް ބީގެ އެއްވަނަ ހޯދަން ޕޯޗުގަލް މިރޭ ނުކުންނައިރު މެޗު ކާމިޔާބުކޮށްގެން ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އިރާނަށް ވެސް އެބައޮތެވެ.

މި ވަގުތު ގްރޫޕް ބީގެ އެއްވަނާގައިވަނީ ހަތަރު ޕޮއިންޓާއެކު ކުރީގެ ޗެމްޕިއަން ސްޕޭނެވެ. މިއަދަދަށް ޕޯޗުގަލްއަށް ވެސް ޕޮއިންޓް ލިބިފައިވެއެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ކުރި ލިބެނީ ސްޕޭނަށެވެ. އެ ޤައުމު މިރޭ ކުޅޭނީ މުބާރާތުން ކަޓައި ޓޭބަލުގެ ފުލުގައި އޮތް މޮރޮކޯއާ ދެކޮޅަށެވެ. ޕޯޗުގަލް އިރާނާ ދެކޮޅަށް ނުކުންނައިރު އިރާން ވަނީ މިހާތަނަށް ތިން ޕޮއިންޓް ހޯދައިފައެވެ. މިހެންވެ މެޗު ކާމިޔާބުކޮށްފިނަމަ ޕޯޗުގަލް ކަޓައި، އިރާން ދެ ވަނަ ބުރަށް ދާނެއެވެ.
މި ދެ ޤައުމު ވަރލްޑް ކަޕުގައި މިހާތަނަށް ކުޅުނީ 2006 ގައެވެ. އެއީ ޕޯޗުގަލްގެ މިހާރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފުރަތަމަ ވަރލްޑް ކަޕެވެ. އެ ފަހަރު ޕޯޗުގަލް މޮޅުވީ ރޮނާލްޑޯ އާއި ޑެކޯ ޖަހައިދިން ގޯލުތަކުންނެވެ.

މި މެޗަށް ނުކުންނައިރު ރޮނާލްޑޯ ހުރީ ގޯލު ޖަހަން ވަރަށް ބޭނުންވެފައެވެ. މުބާރާތުގައި މިހާތަނަށް ހަތަރު ގޯލު ޖަހައިގެން ރަންބޫޓަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގެ ކުރި އޭނާއަށް މިހާރު ވަނީ ގެއްލިފައެވެ. އެއީ ރޭ ޕެނަމާ ކޮޅަށް އިނގިރޭސި ފޯވަޑް ހެރީކޭން ހެޓްރިކް ހެދުމުންނެވެ. ކޭންގެ މިހާރުގެ ޖުމުލަ އަކީ ފަހެކެވެ.

"ރޮނާލްޑޯ އަކީ މި ޓީމުގެ ކެޕްޓަން. އޭނާ ގޯލު ޖެހުމަކީ އަހަރުމެން އެންމެން ވެސް ބޭނުންވާ ގޮތް. އޭނާއަށް ގޯލު ޖެހޭނެ އަދި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އެކަމަށް އެހީތެރިވެދޭނެ،" ކޯޗު ފެނާންޑޯ ސަންޓޯސް ބުންޏެވެ.

މި މެޗަށް ނުކުންނައިރު އިރާނުގެ ކޯޗަކަށް ހުރީ ޕޯޗުގަލްގެ ރައްޔިތެކެވެ. ކާލޮސް ކުއިރޯޒަކީ ޕޯޗުގަލްގެ ކުރީގެ ކޯޗުވެސްމެއެވެ. އޭނާ ބުނީ އިރާނަށް މެޗުން މޮޅުވެވިދާނެކަމަށެވެ.

"އެކަމަކު އެއީ ވަރަށް ރަނގަޅަށް މަސައްކަތްކޮށްގެން. އަހަރުމެންގެ ކޮންމެ ކުޅުންތެރިއަކު ވެސް މި މެޗުގައި ވާންޖެހޭނެ ރޮނާލްޑޯއަކަށް. އެގޮތަށް އެހިތްވަރުގައި މަސައްކަތްކޮށްފިނަމަ ޕޯޗުގަލް ބަލިކުރެވޭނެ،" ކޯޗު ބުންޏެވެ.