ޚަބަރު

އައު ރަންވޭގައި ޓެސްޓް ފްލައިޓް ސެޕްޓެމްބަރު މަހު ޖައްސަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރާ އައު ރަންވޭގެ މަސައްކަތް ނިންމާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ޖައްސާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލުން ބުނެފިއެވެ. އައު ރަންވޭގެ ޢަމަލީ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމްއޭސީއެލުން ބުނެއެވެ.

ވެލާނާ އިންޓަރނޭޝަން އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބިޔަ އެއް މަޝްރޫޢުއެވެ. މި މަޝްރޫޢޫގެ ދަށުން ތަރައްޤީކުރާ އައު ރަންވޭގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ހަތާވީސް ވަނަ ދުވަހުއެވެ.
ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމުގައިވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ފަސޭހަކަމާއެކު ޖެއްސޭނެހެން ފަރުމާކޮށްފައިވާ މި ރަންވޭއަކީ 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ. މިހާރު އެއަރޕޯޓްގައި ބޭނުންކުރަނީ 3200 މީޓަރު ދިގު އަދި 45 މީޓަރު ފުޅާ ރަންވޭއެކެވެ.

އައު ރަންވޭ ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ރަންވޭގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. އެގޮތުން ރަންވޭގައި އަޅާ ތާރުގެ ހަ ފަށަލައިގެ ތެރެއިން އެންމެ ފަހު ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫޢުގެ ތަފުސީލު ހިއްސާކުރައްވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، އައު ރަންވޭގެ ޢަމަލީ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އައު ރަންވޭއާއެކު މިހާރު ބޭނުންކުރާ ރަންވޭއާއި ގުޅާލުމަށް ހަދާ ޓެކްސީވޭ ތަކުގެ މަސައްކަތްވެސް ވަރަށް ހަލުވި ސްޕީޑްގައި ކުރިއަށްދާކަން ފާހަގަކުރައްވާ އާދިލް މޫސާ ވިދާޅުވީ އަލަށް ތަރައްޤީކުރާ ދެ އޭޕްރަންގެ މަސައްކަތްވެސް އެހާތަނަށް ނިންމާލެވޭނެކަމަށެވެ. ރަންވޭގެ ހުރިހާ މަސައްކަތެއް އަމާޒުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ޖެއްސޭނެ ގޮތަށްކަމަށްވެސް އާދިލް މޫސާ ވިދާޅުވި. އޭނާ ވިދާޅުވިގޮތުގައި، ރަންވޭގެ ހުރިހާ މަސައްކަތެއް ނިންނުމަަށްފަހު ރަންވޭ ބޭނުންކުރަން ފެށުމުގެ ހުއްދަ ނުވަތަ ސެޓިފިކޭޝަންގެ މަރުހަލާ ގާތްގަނޑަކަށް ދޭއް ނުވަތަ ތިންމަހަށް ދިގުދެމިގެންދާނެކަމަށެވެ.

" ސެޓްފިކޭޝަން ޕްރޮސެސް މިއަހަރުގެ ފަހުކޮޅަށް އެޕްރޫވަލް ލިބޭނެކަމަށް މި ބަލަނީ. އަދި ބައެއް ތަންތަން ރީ-ލޮކޭޓްކުރުމަށް ހުރި ބައިތައްވެސް ރީ-ލޮކޭޓްކުރުމަށްފަހު ރަންވޭ ބޭނުންކުރަން ފަށާނަން. އުއްމީދަކީ މިއަހަރުގެ ފަހުކޮޅު ދާއިމީކޮށް އޮޕަރޭޓްކުރަން އައު ރަންވޭ ބޭނުންކުރަން ފެށޭނެކަމަށް. މިހާރު މަސައްކަތް ކުރަނީވެސް މި ޖުލައި މަހު ޓެސްޓް ފްލައިޓް ޖެއްސޭނެ މިންވަރަށް. މި ޕްރޮޖެކްޓްގެ ބައެއް މަސައްކަތްތައް މިކުރަނީ ދަންވަރު. އެއީ ދެ ރަންވޭ ގުޅާލުމުގެ ޓޭކްސީވޭގެ މަސައްކަތް. ދަންވަރު 12 އިން ހެނދުނު 6 އަކަށް. އެއަރޕޯޓްގެ އޮޕަރޭޝަންތައް ނުހިގާ ވަގުތު މި މިސައްކަތްކުރެވެން އަންނަނީ. ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމަ ރަންވޭއަކަށް ވެގެންދާނެ". އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވިއެވެ.

އެއަރޕޯޓްގައި ތަރައްޤީކުރާ އައު ޓަރމިނަލް ކޮމްޕްލެކްސްގެ މަސައްކަތް ނުނިމުނު ނަމަވެސް އައު ރަންވޭގެ މަސައްކަތް ނިމުމާއި އެކު އެތަނުގެ ބޭނުންކުރަން ފަށާނެކަމަށްވެސް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވިއެވެ. އާއެކު އެއަރލައިންތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަން އާދިލް ފާހަގަކުރެއްވިއެވެ.

"އަސްލު މިހާރު ސިންގަލް ރަންވޭއެއް އޮތީމަ ވަރަށް ޗެލެންޖިންގ. އެހެންވެ އައު ރަންވޭ ނިމުމުން އެ ދަތިތައް ދާއިމީގޮތެއްގައި ހައްލުވެގެންދާނެ. އަދި މިހާރުގެ ރަންވޭ ބޭނުންކުރާނީ ޓެކްސީވޭއަކަށް. އެއަރޕޯޓްގައި މިހާރު ހިނގަމުންދާ ހުރިހާ މަޝްރޫޢެއް 2019ގަ ނިންމާލެވޭނެ އައު ޓަރމިނަލް ފިޔަވާ. ޓަރމިނަލްގެ މަސައްކަތް ނިންމާލެވޭނީ 2020 އަށް. މީ މުޅިން އައު އެއަރޕޯޓަކަށް ވެގެންދާނެ މަޝްރޫޢެއް. ރާއްޖޭގެ އޭވިއޭޝަނަށް ގެނެވޭނެ ބޮޑު އިންގިލާބަކަށް ވެގެންދާނެ." އާދިލް މޫސާ ވިދާޅުވިއެވެ.

އާދިލް މޫސާ ވިދާޅުވީ އައު ރަންވޭއަކީ ކޮލިޓީގެ ގޮތުން ވަރަށް ފެންވަރު ރަނގަޅު ރަންވޭއެއްކަމަށެވެ. މި މަސައްކަތް ކުރިއަށްދަނީ ވަރަށް ރަނގަޅަށް ސްޕަވައިޒްކުރެވި ގެންކަމަށާއި އެ މަސައްކަތްކުރަނީ އެކަމަށް ވަރަށް ޤާބިލް ކުންފުންޏަކުންކަމަށްވެސް އާދިލް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ކޮންސަލްޓަންޓަކީ ސިންގަޕޫގެ ޗަންގީ އެއަރޕޯޓްގެވެސް ކޮންސަލްޓަންޓް ކަމަށްވާ، ސިންގަޕޫރުގެ ސުރުބާނާ ކޮންސަލްޓަންޓް ކުންފުނިއެވެ.
އައު ރަންވޭގެ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް އަމާޒުކޮށްފައިވާއިރު، މިހާރު ބޭނުންކުރާ ރަންވޭ ރީ ސަރފޭސް ކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށާއި މިހާރުގެ ރަންވޭ ޓެކްސީ ވޭއެއްގެ ގޮތުގައި ބޭނުންކުރި ނަމަވެސް އިމަޖެންސީގައި ބޯޓުތައް ޖެއްސުމަށާއި، ފުރަންވެސް އެ ރަންވޭ މަރާމާތާއެކު ބޭނުންކުރެވޭނެކަމަށް އެމްއޭސީއެލުން ބުނެއެވެ.