ޕެރޫ ބަލިކޮށް ފްރާންސް ވޯލްޑް ކަޕްގެ ދެވަނަ ބުރު ޔަގީންކޮށްފިއެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ފްރާންސް އާއި ޕެރޫ ބައްދަލުކުރި މިމެޗު ފްރާންސް ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފަރަތަމަ ހާފްގައި ފްރާންސްއަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއެވެ.
މި ލަނޑާއެކު ނަވާރަ އަހަރުގެ އެމްބާޕޭ ވެގެންގޮސްފައިވަނީ ފްރާންސްގެ ތާރީހުގައިވެސް ބޮޑު މުބާރާތެއްގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިއާއަށެވެ.
މިނަތީޖާ އާއެކު ފްރާންސް މުބާރާތުގެ ދެވަނަ ބުރު ޔަގީންކޮށްފައިވާއިރު މެޗުން ބަލިވި ޕެރޫއަށް ވަނީ މުބާރާތުގައި ކުރިއަށް ދުމުގެ ފުރުސަތު ގެއްލިފައެވެ.
ކުޅުނު ދެ މެޗުންވެސް ބަލިވި ޕެރޫއަށް ޕޮއިންޓެއް ލިބިފައިނުވާއިރު ގްރޫޕްގައި އޮތް އަނެއް ދެ ޓީމްވެސް ވަނީ މިއަދު ހަވީރު ކުޅުނު މެޗުގައި ޕޮއިންޓް ހޯދާފައެވެ.
މިގޮތުން ފްރާންސް ހަ ޕޮއިންޓާއެކު ދެވަނަ ބުރު ޔަގީންކޮށްފައިވާއިރު ގްރޫޕްގެ ދެވަނާގައި ޑެންމާކް އޮތީ ހަތަރު ޕޮއިންޓާއެކުގައެވެ. އަދި ތިން ވަނާގައި އޮތް އޮސްޓްރޭލިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.