ޚަބަރު

ޢަބްދުﷲ ސަޢީދާއި ޢަލީ ހަމީދަށް ފަނޑިޔާރުކަމުގެ މަޤާމު ގެއްލިއްޖެ


އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ރަނގަޅުކަމަށް ކަނޑައަޅާ އެ މައްސަލައިގެ އިސްތިއުނާފު ބަލައިނުގަތުމަށް ސުޕްރީމުކޯޓުން ނިންމައިފިއެވެ. ސުޕްރީމް ކޯޓުން ޢަބްދުﷲ ސަޢީދާއި، ޢަލީ ޙަމީދު މުޙައްމަދުގެ މައްޗަށް އިއްވި ޖަލު ޙުކުމަށް ތާއީދުކުރުމާއެކު އެ ދެމީހުން ވަނީ ފަނޑިޔާރުކަމުން ވަކިވެފައެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތުން ކުރަންޖެހޭ ކަމަކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އުފުލާފައިވަނީ ޤާނޫނުލް އުޤޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގެ ދަށުންނެވެ. ޢަބްދުﷲ ސަޢީދާއި ޢަލީ ޙަމީދުގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ދަށު ކޯޓްތަކުގައި ހިންގާ ޝަރީޢަތްތަކާ ގުޅިގެން ނެރޭ ޙުކުމްތަކާއި އަމުރުތައް ވަކި ގޮތަކަށް ނިންމުމަށް ޤާޟީންނަށް އަންގައި، އެކޯޓްތަކުގައި ޤާޟީން ރަސްމީ ޙައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވައި މުޢާސަލާތުކޮށްފައިވާތީއެވެ. ދައުލަތުން އުފުލި މިދައުވާ ސާބިތުވެ ޢަބްދުﷲ ސަޢީދާއި ޢަލީ ޙަމީދު 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ މެއި މަހުގެ 10 ވަނަ ދުވަހުއެވެ.

މި ޙުކުމް ހައިކޯޓްގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން ވަނީ މި ޙުކުމަށް ތާޢީދުކޮށް، ޙުކުމުގެ މުއްދަތު 1 އަހަރާއި 2 މަހާއި 12 ދުވަހަށް ކުޑަކޮށްފައެވެ. ހައިކޯޓުގެ މި ނިންމުން އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅުމުން އެކޯޓުން ވަނީ މިމައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ. ސުޕްރީމް ކޯޓުން ނިންމާފައިވަނީ ހައިކޯޓްގެ ނިންމުން ރަގަޅު ނޫންކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށާއި، ހައިކޯޓުން ޢަބްދުﷲ ސަޢީދާއި ޢަލީ ޙަމީދުގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށެވެ. އަދި ހައިކޯޓުގެ މި ޙުކުމަށް އިތުރަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ޢަބްދުﷲ ސަޢީދާއި ޢަލީ ޙަމީދުގެ ފަރާތުން ހުށައަޅާފައި ނުވާތީ، މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތުމަށް ސުޕްރީމް ކޯޓްގެ ފަޑިޔާރުންގެ މަޖިލީހުން ނިންމާކަމަށް ސުޕްރީމްކޯޓްގެ ނިންމުމުގައިވެއެވެ.
ސުޕްރީމްކޯޓުން ނިންމި މި ނިންމުމާއެކު ޤާނޫނީ ހަމަތަކުގެ މަތިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުން ޢަބްދުﷲ ސަޢީދު ވަކިވީއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ޢަލީ ޙަމީދު މުޙައްމަދު ވަކިވީއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެކަމަށް ޝަރުޢީ ކޯޓަކުން ކުރާ ޙުކުމެއް ނިހާއީ ޙުކުމެއްކަމަށް ކަނޑައެޅޭ ހިނދުން ފެށިގެން، އެ ފަނޑިޔާރަކު މަޤާމުން ވަކިވާނެއެވެ. ނިހާއީ ޙުކުމަކީ އެ ޙުކުމެއް ޝަރީޢަތަކުން ބަދަލުކުރުމުގެ ފުރުޞަތު ނެތް އެންމެ ފަހު ނިންމުމެވެ. އަދި އިސްތިއުނާފްގެ މަރުޙަލާތައް ފުރިހަމަވެފައިވާ ނުވަތަ އިސްތިއުނާފްކުރުމުގެ މުއްދަތު ހަމަވެފައިވާ ޙުކުމެވެ. ސުޕްރީމް ކޯޓްގެ މި ނިންމުމާއެކު ޢަބްދުﷲ ސަޢީދާއި، ޢަލީ ޙަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ނިހާއި ޙުކުމަކަށް ބަދަލުވެގެންދިޔައީއެވެ. މިއާއެކު މި ދެފަނޑިޔާރުން ފަނޑިޔާރުކަމުން ވަކިވީއެވެ.