ޖުމްހޫރީ ޕާޓީގެ ހިޔަނި ކެބިނެޓު އިޢުލާންކުރުމާއެކު އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އަމާޒު އޮޅުންބޮޅުންވެ އެއްބަޔަކު އަނެއްބަޔެއްގެ މެދުގައި އަނެއްކާވެސް މައްސަލަތަކެއް އުފެދިއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އޮންނާނެ ކެބިނެޓު އިޢުލާންކޮށްފައިވާއިރު އެޕާޓީގެ ކެބިނެޓުގައި އިދިކޮޅު އެމްޑީޕީގެ އެއްވެސް މެމްބަރެއް ހިމަނާފައެއްނުވެއެވެ. ޖުމްހޫރީ ޕާޓީގެ "ހިޔަނި" ކެބިނެޓު އިޢުލާންކުރީ ޖަރުމަނުވިލާތުގައި ހުންނަވައިގެން ފޭސްބުކް ލައިވް މެދުވެރިކޮށް ޤާސިމް އިބްރާހިމްއެވެ. އޭނާ ޢިއުލާންކުރެއްވިގޮތުގައި ޖުމްހޫރީ ޕާޓީގެ ކެބިނެޓުގައި 20 މިނިސްޓްރީއެއް އުފައްދާފައިވެއެވެ.
އެޕާޓީގެ ކެބިނެޓުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ބޭފުޅުން ހިމަނާފައިވާއިރު ޢަދާލަތު ޕާޓީގެ ބައެއް އިސް ބޭފުޅުންވެސް ހިމަނާފައިވެއެވެ. ޖުމްހޫރީ ޕާޓީގެ "ހިޔަނި" ކެބިނެޓު އިޢުލާން ކުރުމާއިއެކު އިދިކޮޅު ޕާޓީތަކުން ވަނީ އެއްވެސް މަޝްވަރާއެއް އެޕާޓީތަކާއި އެކު ކުރުމެއް ނެތި ޖުމްހޫރީ ޕާޓީން އެފަދަ ނިންމުމެއް ނިންމާފައިވާތީ ފާޑުކިޔާފައެވެ.
އެގޮތުން އަދާލަތު ޕާޓީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ގުޅިފައިވާ ޕާޓީތަކުން އެކުގައި ކުރާ މަސައްކަތް ފިޔަވައި 2018 ގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އަދާލަތު ޕާޓީން އެއްވެސް ބަޔަކާ ކޯލިޝަން ނުހަދާ ކަމަށެވެ. އެފަދަ ނިންމުމެއް ނިންމައިފިނަމަ އެކަން އެ ޕާޓީގެ ފަރާތުން އިޢުލާން ކުރާނެ ކަމަށްވެސް ޢަދާލަތުން ބުންޏެވެ.
ކުރީގެ ރައީސް މައުމޫންގެ ފަރާތުން އިދިކޮޅު ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާ އާމިނަތު ނާދިރާއާއި މުޙައްމަދު ވަހީދު ވިދާޅުވެފައިވަނީ ރައީސް މައުމޫންގެ ފަރާތްޕުޅުން ގުޅިފައިވާ ޕާޓީތަކާއެކު ކޮމެޓީތަކުގައިދަނީ މަޝްވަރާ ކުރަމުން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ "ހިޔަނި" ކެބިނެޓުގައި ހިއުމަން ރިސޯސަސް އެންޑް ލޭބަ މިނިސްޓަރު ޢަބްދުﷲ ކަމާލުއްދީނެވެ. މި މަޤާމު އޭނާއަށް ދެއްވާފައިވާތީ އެކަމާ ނުރުހުން ފާޅުކުރައްވާ ކަމާލުއްދީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަކީ އޭނާއަށް ނާންގައި ހަވާލުކުރާ މަގާމު ނުވަތަ ހަވާލުކުރަން އުޅޭ މަގާމު ގަބޫލުކުރައްވާހިތްވާ ބޭފުޅެއް ނޫންކަމަށެވެ.
ޖުމްހޫރީ ޕާޓީން އިދިކޮޅު އެއްވެސް ސިޔާސީ ޕާޓީއަކާއެކު މަޝްވަރާ ކުރުމެއްނެތި "ހިޔަނި" ކެބިނެޓެއް އިޢުލާންކޮށްފައިވާއިރު އެޕާޓީގެ ކޮންގްރެސް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.