ޚަބަރު

އިންޑިއާ ސިފައިންނާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އޮޕަރޭޝަނެއް ފަށައިފި


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާޙިމް އާޒިމް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ކޯސްޓް ގާޑާއި އިންޑިއަން ނޭވީ ގުޅިގެން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ޖޮއިންޓު އޭރިއަލް ސަވައިލަންސް ޕެޓްރޯލެއް މިއަދު ފަށާފައިވާނެ ކަމަށެވެ. އާޒިމް ވިދާޅުވީ ސެކިއުރިޓީ ސަބަބުތަކަށްޓަކައި އޮޕަރޭޝަން ނިންމުމަށް ހަމަޖެހިފައިވާ ދުވަސް ހާމަކުރެވެން ނެތް ކަމަށާއި އޮޕަރޭޝަންގެ ފުރިހަމަ މަޢުލޫމާތު އޮޕަރޭޝަން ނިމުމާއިއެކު ޙިއްޞާކުރާނެ ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓް ގާޑާ އިންޑިއަން ނޭވީ ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު މިފަދަ އޮޕަރޭޝަންތައް މީގެކުރިންވެސް ވަނީ ދެ ޤައުމުގެ ސިފައިން ގުޅިގެން ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން ބައެއް ތަމްރީން ޕްރޮގްރާމުތައްވެސް ދެ ޤައުމުގެ ސިފައިން ގުޅިގެން ބާއްވާފައިވެއެވެ.