ވަރލްޑްކަޕްގެ ދެވަނަ ބުރަށް ދިއުމުގައި މުބާރާތުގެ ފުރަތަމަ މެޗުގެ ނަތީޖާ ވަރަށް މުހިންމުކަމަށް ކޮސްޓަރިކާގެ ކޯޗު އޮސްކާ ރަމިރޭޒް ބުނެފިއެވެ.
ސާބިއާއާ ވާދަކުރާ ވަރލްޑްކަޕްގެ ފުރަތަމަ މެޗަށް އިޝާރާތްކޮށް ކޯޗު އޮސްކާ ރަމިރޭޒް ބުނީ ކޮންމެ ޓީމަކާއި ދެކޮޅަށް ކުޅެން ޖެހުނަސް މުހިންމީ ބަލިނުވެ މެޗު ނިންމާލުންކަމަށެވެ. ހަމަހަމަ ޓީމެއް އަތުން ތިން ޕޮއިންޓް ލިބިއްޖެނަމަ ދެވަނަ ބުރުގެ އުއްމީދު ބޮޑުވާނެކަމަށާއި، ސާބިއާ ބަލިކުރެވޭނެކަމުގެ ޔަޤީންކަންވެސް އެބައޮތްކަމަށް ކޯޗު ބުންޏެވެ. އޭނާ ބުނީ މެޗުގައި ފުރަތަމަ ގޯލް ޖަހާ ޓީމަކަށް މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑުކަމަށައި، ފުރަތަމަ 20 މިނިޓުގައި ސާބިއާގެ ނުރައްކާ ބޮޑުވާނެކަމަށެވެ.
20 މިނެޓު ބައިކޮޅަށް ގޯލެއް ނުވައްދައި ހިފަހައްޓާލެވިއްޖެނަމަ މެޗުން ޕޮއިންޓެއް ނަމަވެސް ހޯދުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ބުންޏެވެ.
ސަބިއާގެ ކެޕްޓަން އެލެކްސަންޑަރ ކޮލަރޯވް ބުނީ އިތުބާރާއިއެކު ކުޅެގެން ނުވާނެކަމެއް ނޯންނާނެކަމަށާއި، ވަރުގަދަ ގްރޫޕެއްގައި އޮތަސް އުއްމީދު އެބައޮތްކަމަށެވެ. މިހާ ހިސާބަށް އާދެވުމަކީވެސް ބޮޑު ކާމިޔާބެއްކަމަށާއި، ޓީމްގައި ތިބި ހުރިހާ ކުޅުންތެރިންނަށްވެސް މި މުބާރާތަކީ ތަފާތު ތަޖުރިބާއަކަށް ވާނެކަމަށް ކޮލަރޯވް ބުންޏެވެ. ޒުވާން ކުޅުންތެރިންނަށް އޭނާ ދޭން އޮތް ނަސޭހަތަކީ ތެޅި ނުގަނެ ހަމަޖެހިލައިން ކުޅުންކަމަށާއި، ކޮސްޓަރިކާ އަތުން މޮޅެއް ހޯދޭ ފެންވަރު ޓީމުގައި އެބަހުރިކަމަށްވެސް ތަޖުރިބާކާރު ޑިފެންޑަރު ބުންޏެވެ.
ކޮސްޓަރިކާއާ ސަރބިއާ ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 5:00 ގައެވެ. ޕީއެސްއެމް ކަވަރޭޖްގެ ޕްރީޝޯވ 4:00 ގައި ފަށާނެއެވެ.