ކުޅިވަރު

ފީފާ ވަރލްޑްކަޕް: ކޮރޭޝިޔާ - ނައިޖީރިޔާ


ވާދަވެރި ޓީމްތަކާއި ދެކޮޅަށް ކުޅޭ މެޗަކުން ބަލިވެއްޖެނަމަ ދެވަނަ ބުރުގެ ފުރުސަތު ހަނިވާނެކަމަށް ކްރޮއޭޝިޔާގެ ކޯޗު ލަޓްކޯ ޑާލިކް ބުނެފިއެވެ.

ނައިޖީރިއާއާއި ދެކޮޅަށް ވޯލްޑްކަޕްގައި ނިކުންނަ މެޗަށް އިޝާރާތްކޮށް ކްރޮއޭޝިޔާގެ ކޯޗު ބުނީ އެޤައުމަކީ ޔޫރަޕްގެ ގަދަ ބާރެއްކަން ސާބިތުކޮށްދޭން މިއީ ރަނގަޅު ވަގުތު ކަމަށެވެ. މީގެ ކުރިން މި ދެ ޓީމް އެއްވެސް މުބާރާތެއްގައިވެސް ވާދަވެރި މެޗެއްވެސް އެއްޓީމް އަނެއް ޓީމާއި ދެކޮޅަށް ކުޅެފައެއް ނުވެއެވެ.

ނައިޖީރިއާގެ ކޯޗު ގޯނެޓް ރޯހ ބުނީ ވޯލްޑްކަޕްގައި ބަލި ޓީމެއް ނުކުޅޭނެކަމަށާއި، އެއްވެސް މެޗެއް ފަސޭހަ ނުވާނެކަމަށެވެ. މިހާތަނަށް ވޯލްޑްކަޕްގައި ޔޫރަޕްގެ ޓީމަތަކާއި ދެކޮޅަށް ނައިޖީރިއާ އެންމެ ފަހުން ކުޅުނު ހަ މެޗުން އެޓީމް މޮޅުވީ އެންމެ މެޗަކުންނެވެ. އެއް މެޗު އެއްވަރުވިއިރު، ހަތަރު މެޗުންވަނީ ބަލިވެފައެވެ. ކްރޮއޭޝިޔާއަށް ބަލާލާއިރު، އެޓިމުން ވަރލްޑްކަޕްގައި އެފްރިކާގެ ޓީމަކާއި ދެކޮޅަށް ކުޅުނީ މިދިޔަ ވޯލްޑްކަޕްގައެވެ. ކެމަރޫން އަތުން އެޓީމް މޮޅުވީ 4-0 ގެ ބޮޑު ތަފާތަކުންނެވެ. ކްރޮއޭޝިޔާ އެންމެ ފަހުން ކުޅުނު ތިން ވަރލްޑްކަޕްގައިވެސް އެޓީމްގެ ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ.

ކޮރޭޝިޔާ މިޑްފީލްޑަރ ލުކަ މޮޑްރިޗް:
" އަހަންނަށް ހީވަނީ އަހަރެމެންގެ މިއޮތީ ވަރަށް ރަނގަޅު ޖެނެރޭޝަނެއްހެން. ބޮޑަތި ކްލަބްތަކަށް ކުޅޭ ކުޅުންތެރިން މިތިބީ. ހަމައެކަނި އެޓީމްތަކަށް ކުޅެލަނީއެއްވެސް ނޫން، އެއީ އެޓީމްތަކުގެ މުޙިއްމު ކުޅުންތެރިން. އަހަރެމެންގެ މިތިބީ ވަރަށް ޒުވާން ހިްތވަރު ކުރާ ކުޅުންތެރިން. ޒުވާން ކުޅުންތެރިންނާއި، ތަޖުރިބާ އަހަރެމެންގެ ޓީމްގައި ހިމެނޭ."

ނައިޖީރިޔާ މިޑްފީލްޑަރ ޖޯން އޮބީ މިކޭލް:

" އުއްމީދުކުރަނީ ރަނގަޅުވާނެކަމަށް، މިމުބާރާތުން ރަނގަޅު ކަންތައްތަކެއް ހާޞިލްވާނެކަމަށް. އަހަރެމެންގެ އޮތީ ވަރަށް ރަނގަޅު މިކްސްއެއް. ( ޒުވާން ކުޅުންތެރިންނާއި، ތަޖުރިބާކާރު ކުޅުންތެރިން ) އުއްމީދީ ޓީމެއް މިއީ. ނަތީޖާ ނެރެވޭނެކަމަށް އުއްމީދުކުރެވޭ "