ޚަބަރު

"ހިޔާ" ފޯމް ބަލައިގަތުން ޢީދުބަންދަށް މެދުކަނޑާލައިފި


ސަރުކާރުން އިޢުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ" މަޝްރޫޢުގެ ފްލެޓްތަކަށް ފޯމް ހުށައެޅުން ފިތުރު ޢީދު ބަންދަށް މެދުކަނޑާލައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަޙްމަދު ފަޒާލް ވިދާޅުވީ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދޭ ފޯމްތައް ބަލައިގަތުމުގެ ކަންކަން ފިތުރު ޢީދު ބަންދުގެ ތެރޭގައި ކުރިއަށް ނުގެންދާގޮތަށް މިނިސްޓްރީން ނިންމާފައިވާކަމަށެވެ. އަދި ފޯމް ބަލައިގަންނަން އަލުން ފަށާނީ މިމަހުގެ 18 ވާ ހޯމަ ދުވަހުކަމަށްވެސް ފަޒާލް ވިދާޅުވިއެވެ.

ފަޒާލް ވިދާޅުވީ، ރަމަޟާން މަހެކޭ އެއްފަދައިން ޝައްވާލުމަހުގެ 6 ރޯދަ ނިމެންދެން ހިޔާ މަޝްރޫޢުގެ ފޯމްތައް ބަލައިގަތުމުގެ ކަންކަން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 13:30 އަށް، އަދި ރޭގަނޑު 21:00 އިން 23:00 އަށް ދަރުބާރުގޭގައި ކުރިއަށްދާނެކަމަށެވެ. އަދި 6 ރޯދަ ނިމުމުން، ފޯމް ބަލައިގަންނާނެ ގަޑިތައް ފަހުގެ ވަގުތެއްގައި އެ މިނިސްޓްރީން ހާމަކުރާނެކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީކުރާ 7000 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް އެދޭ ފޯމްތައް ހައުސިންގ މިނިސްޓްރީން ދޫކުރަން ފަށާފައިވަނީ މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދޭ ފޯމްތައް މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން ހައުސިންގ މިނިސްޓްރީން ބަލައިގަންނަން ފަށާފައިވާއިރު، ވަރަށް ބޮޑު ތަރުޙީބެއް އާއްމު ރައްޔިތުންގެ ފަރާތުން މި މަޝްރޫޢަށް ލިބެމުންދާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ހިޔާ މަޝްރުޢުގެ ފްލެޓްތަކަށް އެދި ފޯމު ހުށައެޅުމުގެ ފުރުޞަތު އަންނަ ޖުލައިމަހުގެ 31 ވަނަ ދުވަހާހަމައަށް ހައުސިންގ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެހެންކަމުން އެންމެ ފަހުވަގުތަށް މަޑުނުކުރައްވައި މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ފޯމުތައް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހިފައިގެން ގޮސްފިނަމަ 5 ވަރަކަށް މިނެޓުން ފޯމުބަލައިގަތުމުގެ ކަންކަން ނިންމާލެވޭނެކަމަށްވެސް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.