ކުޅިވަރު

ސިމްޑީގެ ވަރލްޑްކަޕް ޕްރޮމޯޝަން ލޯންޗްކޮށްފި


ޕީއެސްއެމްގެ ވަރލްޑްކަޕް ކަވަރޭޖްގެ އެސޯސިއޭޓް ޕާޓްނަރ ސިމްޑީގެ ޕްރޮމޯޝަންތައް ލޯންޗްކޮށްފިއެވެ.

ސިމްޑީ ކުންފުނިން ވަނީ އެކުންފުނީގެ ޕްރޮމޯޝަންތައް ކުލަބް 360ގައި ލޯންޗްކޮށް، އެކުންފުނިން އެތެރެކުރާ ބުއިންތައް ވޯލްޑްކަޕްގެ ދުވަސްވަރު އެކެފޭއިން ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ. ތަފާތު ރަހަތައް ވަރލްޑްކަޕްގެ ތެރޭގައި އެކެފޭއިން ލިބޭނެ އިންތިޒާމް ސިމްޑީން ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ތަފާތު ޕްރޮމޯޝަންތަކެއް ސިމްޑީން ކުރިއަށްގެންދާނެކަމަށްވެސް އެކުންފުނިން މައުލޫމާތުދެއްވައެވެ.
ސިމްޑީ ކުންފުނީގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މެނޭޖާރ އަހުމަދު އިރާޝް ވިދާޅުވީ ސިމްޑީއަކީ ކުޅިވަރަށް އަބަދުވެސް ވަރަށް ލޯބި ކުރާ ކުންފުންޏެއްކަމަށާއި، މިއަދު ފަށާ ފިފާ ވޯލްޑްކަޕްގެ ފޯރި އިތުރުކުރުމަށް ކުލަބް 360ގައި ހާއްސަ ކަންތައްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

"ސިމްޑީގެ ފަރާތުން 360ގައި ކުރިއަށް މިގެންދާ ޕްރޮމޯޝަންގައި ވަރަށް ހާއްސަ ކަންތަތަކެއް ކުރިއަށްދާނެ. އެގޮތުން ފާހަގަކޮށްލެވޭ މެޗް ކުރިއަށްދާ ރޭގައި ލަކީ ޑްރޯ އަދި މެޗުގެ ނަތީޖާ ދިމާކުރުމާއި ވޯލްޑްކަޕްގެ މެޗުތައް ކުރިއަށްދާއިރު ހާއްސަ ކުޅިވަރުތަކެއްވެސް ކުރިއަށްދާނެ. މިގޭމްސްތަކުގައިވެސް ވަރަށް ހާއްސަ އިނާމްތަކެއްވަނީ ހުށައެޅިފަ. އަދި ލީގުގައި ބައިވެރިވެގެން މެޗުގެ ނަތީޖާ ދިމާކުރާ ފަރާތްތަކަށް ހާއްސަ އިނާމްތަކެއް ލިބޭނެ. އަދި ލަކީ ޑްރޯގައި ބައިވެރިވެގެންވެސް ވަރަށް ހާއްސަ އިންމާތަކެއް ލިބޭނެ." އިރަޝް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ފަރާތުން ވާހަކަދައްކަވަމުން ކުންފުނީގެ އީ ކޮމާރސް އެންޑް މާކެޓިންގ ޑައިރެކްޓަރ އިބްރާހީމް ނަސްރީން ވިދާޅުވީ ޕީއެސްއެމްއާ ގުޅިގެން ވަރލްޑްކަޕް ހަރަކާތްތައް ކުރިއަށް ގެންދެވުމަށް ސިމްޑީން ނިންމި ނިންމުމަކީ ޕީއެސްއެމް ވަރލްޑްކަޕް ކަވަރޭޖަށް ލިބުނު އިތުރު ފުރިހަމަ ކަމެއްކަމަށެވެ. އަދި ކުލަބް 360ގައި ސިމްޑީގެ ފަރާތުން ކުރިއަށްގެންދާ ހަރަކާތްތައް ޕީއެސްއެމް ވަރލްޑްކަޕް ކަވަރޭޖް ޝޯތަކުގައި ހިމަނުއްވާނެކަމަށެވެ. ޕީއެސްއެމްއާއެކު ޕާޓްނަރުންގެ ގޮތުގައި ގުޅިފައިވާ އެހެން ފަރާތްތަކުގެ ހަރަކާތްތައްވެސް ވަރަށް ފުރިހަމަކޮށް ޕީއެސްއެމްއިން ކަވަރުކުރާނެކަމަށް ނަސްރީން ވިދާޅުވިއެވެ.

" މިފަހަރު އަޅުގަނޑުމެންގެ ޝޯތައް ވަނީ ދިވެހިންނާއި ގުޅޭގޮތަށް ބައްޓަންކޮށްފަ. ޝޯތަށް ކުރިއަށްދާނީ ވަރަށް ބޮޑަށް ދިވެހިން ބަލާހިއްވާގޮތަށް، ދިވެހިންގެ ރަހަތަށް ހިމެނޭގޮތަށް. ފާހަގަކޮށްލެވޭ ޕާޓްނަރުންގެ އެހީއާއެކު ގިނަ އިނާމްތަކެއްވެސް ޝޯގެ ތެރޭގައި ކުރިއަށްދާނެ. އަދި މިފަހަރުގެ ޕީއެސްއެމް ވޯލްޑްކަޕް ކަވަރޭޖްގެ ސަބަބުން ދިވެހި ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ." ނަސްރީން ވިދާޅުވިއެވެ.

ކުލަބް 360 ން ވަނީ މިފަހަރުގެ ވޯލްޑްކަޕާއި ދިމާކޮށް ވަރަށް ހާއްސަ ތަފާތު ބުއިންތަކެއްވެސް ތައްޔާރުކޮށްފައެވެ. އެއީ މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ބުއިންތަކެއްކަމަށް އެކެފޭއިން މައުލޫމާތުދިނެވެ.