ކުޅިވަރު

ސްޕޭނުގެ އާކޯޗު ހިއޭރޯ މިސާލަކަށް ބަލާނީ ޒިދާން


މަޤާމުން ވަކިކުރި ކޯޗު ހޫލިއަން ލެޕޮޓެގުއި ގެންގުޅުނު ސްޓައިލަށް އޭނާ ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނާނެ ކަމަށާއި، މިސާލެއްގެ ގޮތުން ބަލާނީ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ކަމަށް ސްޕޭނުގެ އާ ކޯޗު ފެނާންޑޯ ހިއޭރޯ ބުނެފިއެވެ.

ކޯޗިންގެ މާބޮޑު ތަޖުރިބާއެއްނެތި ސްޕޭނުގެ ޤައުމީ ޓީމާ ހިއޭރޯއަށް ހަވާލުވާން ޖެހުނީ އިއްޔެ ވަރަށް ކުއްލި ގޮތަކަށެވެ. އެއީ ޤައުމީ ކޯޗުކަމުގައި ހުރެފައި، ފެޑަރޭޝަނަށް އެއްވެސް ވަރަކަށް އެންގުމެއްނެތި ވޯލްޑް ކަޕަށް ފަހު ރެއާލް މެޑްރިޑާ ހަވާލުވާން ލެޕޮޓެގުއި ނިންމި ނިންމުމާ ގުޅިގެން އޭނާ މަޤާމުން ވަކި ކުރުމުންނެވެ.

"ދެ އަހަރު ދުވަސް ވަންދެން (ލެޕޮޓެގުއި) ކޮށްފައި އޮތް މަސައްކަތެއް އެންމެ ދެ ދުވަހުން ބަދަލެއް ނުކުރެވޭނެ. އެކަމަކުވެސް އަހަރެން ވެސް ކުދިކުދި ބަދަލު ގެންނާނަން،" ރެއާލް މެޑްރިޑާއި ސްޕޭނުގެ ކުރީގެ ކެޕްޓަން ހިއޭރޯ ބުންޏެވެ.

އޭނާ ބުނީ ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމުގައި ހުއްޓައި ޤައުމީ ޓީމުގެ ވަޒީފާ ލިބުމުން އެކަން ޤަބޫލު ކުރުން ނޫންގޮތެއް އޭނާއަށް ނެތް ކަމަށެވެ.

"އަހަންނަށް ނޫނެކޭ ބުނެވޭކަށްނެތް (ވަގުތުގެ ގޮތުން). އަހަރެން ކުރިއަށްދާނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް. ޒިދާން (ރެއާލް މެޑްރިޑުގައި ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ނެގުމަކީ) އެއްވެސް ތަޖުރިބާއެއްނެތި އަހަރެން ކޯޗިން ކެރިއަރު ފަށައިގަންނައިރު ލިބޭ ހިތްވަރެއް،" ހިއޭރޯ ބުންޏެވެ.

ރަޝިޔާގައި މިއަދު ފަށާ މުބާރާތުގައި ސްޕޭން ފުރަތަމަ ކުޅޭނީ ޕޯޗުގަލްއާ ދެކޮޅަށެވެ.