މާލެއިން ފުރައިގެން ދ.މީދޫއަށް ދަތުރުކުރަމުންދިޔަ ކަންނެލި ދޯންޏެއް ފަރަށް އަރައިފިއެވެ.
"ގެލެކްސީ" ނަމަކަށް ކިޔާ މި ކަންނެލި ދޯންނީގައި 2 ދިވެހިންނާއި 4 ބިދޭސީން ތިބިކަމަށާއި، މިހާދިސާގައި އެއްވެސް މީހަކަށް ކަމެއްވިކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިދޯނި އަރާފައިވަނީ މާލެ އަތޮޅު އިތާފުށީގެ އިރު ދެކުނުން 1.5 ނޯޓިކަލް މޭލުގައި އޮންނަ ފަރަކަށެވެ. މި ހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 04:15 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ދޯނީ ފަރަށް އެރުމާ ގުޅިގެން ދޯނީގެ ހަލްގަނޑަށް ގެއްލުން ލިބި ދިޔަ ވަމުންދާތީ ދޯނީގައި މިވަގުތު ހުރި މުދާ ހުސްކުރުމަށްޓަކައި ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އިތުރު ދޯންޏެއް ގެލެކްސީ ދޯނި އޮތް ސަރަޙައްދަށް ގޮސް މުދާ ހުސްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ކޯސްޓުގާޑުން ބުނެއެވެ. މިދޯނީގައި ހުރި މުދަލަކީ އީދަށް މީދުއަށް ގެންދިއުމަށް ބަރުކޮށްފައިވާ މުދާކަމަށް މަޢުލޫމާތު ލިބެއެވެ.
މި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އަންނަނީ ކުރަމުންނެވެ.