ރިޕޯޓް

މަސްދޯނިފަހަރުގައި ކެއިން ބުއިން - މިހާރު ވަރަށް ތަފާތު


ރާއްޖޭގެ މަސްވެރިކަން ތަރައްޤީވުމާއި މަސްވެރިންގެ ހޭލުންތެރިކަމާއި ފޯރުންތެރިކަން އިތުރުވުމާ ގުޅިގެން، މަސްވެރިން ކަނޑުމަތީގައި ކެއުމުގެ ފެންވަރު ވަރަށް ރަނގަޅުކޮށްފިއެވެ. ޕީއެސްއެމް ނިވްސްގެ ޖާރނަލިސްޓުން މަސްވެރިންނާއެކު ކޮށްފައިވާ ދަތުރުތަކާއި އަދި އެކި ސަރަޙައްދުގެ މަސްވެރިންނާ ކޮށްފައިވާ އިންޓަރވިއުތަކުން މިކަން ވަނީ ފާހަގަވެފައެވެ.

ދިވެހިންނަކީ ހިޔަލެއް ނިވަލެއް ނެތް އަނގަމަތި މަސްދޯނިފަހަރުގައި މަހަށްދިޔަ މާޒީއެއް އޮތް ބައެކެވެ. ފަތިހު ހޭލައިން މަސްދޯނީގައި ފުރައި އެންހިފައި ކަނޑުމަތީގައި ވަގުތުތައް ހޭދަކޮށް މަސްބާނައިގެން ނުވަތަ މަހާނުވިސް ރޭގަނޑު ނޫނީ ހަވީރު ރަށަށް އަންނަ ބައެކެވެ. މަހަށްދާއިރު ކޮންމެ މީހަކުވެސް އެމީހަކު ކާނެ ކޮންމެވެސް އެއްޗެއް ގެންދެއެވެ. އެކިމީހުން ގެންދަނީ އެކި ބާވަތު ތަކެއްޗެވެ. ބޮނޑިއާއި އާދައިގެ ކުޅިބޯކިބާ ނުވަތަ ފޮނިބޯކިބާ ގެންދެއެވެ.

އޭގެ ފަހުން ރޭގަނޑު ގޭގައި ކާން ކެއްކި ބަތުން ބަތްކޮޅެއް އެއްޗަކަށް އަޅައިގެން ގެންދިޔަ ޒަމާނެއްވެސް ދިޔައެވެ. އެއަށްފަހު މޫސުން ރަނގަޅުނަމަ އުނދުންކޮށި ބޭނުންކޮށްގެން ބަތާއި ގަރުދިޔަ ކައްކައިގެން ކައި އުޅުނެވެ. މުޅި ދުވަހު ކައި އުޅެނީ އެންމެ ފަހަރަކުއެވެ. ބޯން ބޭނުންކުރަނީ ރުނބައެއްގައި ނުވަތަ ހަމެއްގައި ގެންގުޅޭ ފެނެއެވެ. އެއަށް ކިޔަނީ ފެންހަދެވެ.

އެހެންނަމަވެސް މިއަދު ދިވެހިންގެ ފޯރުންތެރިކަން މިވަނީ މާޒީގެ އެ ދުވަސްތަކުގެ ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައެވެ. ދިވެހިންގެ ހޭލުންތެރިކަންވެސް އެތައްގުނައަކަށް ވަނީ އިތުރުވެއެވެ. އޭގެ އިތުރަށް މިހާރު މަހަށްދަނީ އެހެން މަސައްކަތެއް ނޭނގޭ މީހުންނާއި ނުކިޔެވުނު މީހުންނެއް ނޫނެވެ.
މިހާރު ކިވަޔައި މަތީ ތަޢުލީމް ޙާޞިލްކޮށްގެން ތިބި މީހުންނާއި ފޯރުންތެރި ދިރިއުޅުން އުޅޭ މީހުން ކުރާ ފުދިގެން އުޅޭ މިހުންގެ މަސައްކަތަކަށް މަސްވެރިކަން ވަނީ ބަދަލުވެފައެވެ.

އެއާއެކު މަސްދޯނިފަހަރުގެ ކެއުމުގެ ފެންވަރު މިވަނީ ފުދުންތެރި ގޭގޭގެ ސުފުރާއާ އެއްފެންވަރަށް ބަދަލުވެފައެވެ. ދޯނީގެ ކެއުމުގެ ޚަރަދަށް ހަފްތާއަކު 8000 ނުވަތަ 10000 ރުފިޔާ ޚަރަދު ކުރެއެވެ. ރަނގަޅަށް ކައިގެން ގައިގައި ވަރުހުރެގެން ކުރާ މަސައްކަތަކަށް މަސްވެރިކަން ބަދަލުވެއްޖެއެވެ. އަދި ކެއުމަށް ރަނގަޅަށް ޚަރަދުކުރާ މިންވަރަށް މަސްވެރިކަމުން ޢާމަދަނީވެސް ލިބެއެވެ.

ޕީއެސްއެމްގެ ޓީމެއް އެންމެ ފަހުން ކަނޑުމަހުގެ މަސްވެރިކަންކުރާ އުޅަނދެއްގައި ކުރި މަސްދަތުރުން މިކަން ވަނީ ފާހަގަކުރެވިފައެވެ. ހަވީރު ސައި ހުރެއެވެ. ސައުވީސްގަޑިއިރު ކޮފީ ހުރެއެވެ. ރޭގަނޑު މޮޅަށް ކެއުން ހުރެއެވެ. މެންދަރު ލުއި ކެއުމެއް ހުރެއެވެ. ހެނދުނު ސައިޔާއި މެންދުރުކެއުން ފުދުންތެރި ގޭގެއާ ތަފާތެއް ނުހުރެއެވެ. ހެނދުނު ސަޔަށް ރޮށްޓާއި އެއްގަމު މަހުގެ ބާވަތަކާއި ކަނޑުމަސް ނުވަތަ ފަރުމަހުގެ ރިހައާއި މަސްހުންޏާއި ޕާން، ބިސްގަނޑު، މޭވާ ފަދަ ބާވަތްތައް ހުރެއެވެ. މެންދުރު ކެއުމަށްވެސް ދެތިންވައްތަރުގެ ރިހައާއި ބަތާއި ރޮށްޓާއި ތެލުލިމަހާއި އެކި ބާވަތުގެ ބުއިމާއި މޭވާ ހުރެއެވެ. ހަވީރު ސަޔަށް ހެދިކާ ހަދައެވެ.

ކެއުން ބުއިމަށް ބޭނުންވާ މި ހުރިހާ އެއްޗެއް ކައްކައި ތައްޔާރުކޮށް މަސްވެރިންނަށް ލިބިދޭނެ ޚާއްޞަ މީހަކު ނޫނީ ދެމީހަކު ހުރެއެވެ. އެމީހުންނަށް އެހެން މަސައްކަތެއް ނޯވެއެވެ.
މަސްވެރިން ބަނޑުހައިކަންމަތީގައި ތިބޭކަށް ނުޖެއެވެ. ރަށަށް ދެވުނީމާ އަވަހަށް ކާއެއްޗަކާ ދިމާއަށް ދާކަން ނުޖެއެވެ. ފިރިމީހާ ނުވަތަ ޢާއިލާގެ މެންބަރު މަހުން ލަފާއިރަށް އަންހެންވެރިން ކައްކާ އުޅުނު ޒަމާން މާޒީވެއްޖެއެވެ.