އާސަންދަ ކުންފުނިން ހިންގަމުން އަންނަ ހުޅުމާލެ ހޮސްޕިޓަލް ބަދުނާމުވާ ގޮތަށް ބައެއް މީޑިޔާތަކުގައި ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ހުޅުމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ދޮގު މަޢުލޫމާތު ފަތުރާ މީޑިއާތަކާމެދު ޤާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އާސަންދައިން ބުނީ ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އެ ކުންފުނިން މީޑިއާތަކާއި ޙިއްޞާކުރާ މަޢުލޫމާތު ރައްޔިތުންނަށް އޮޅުން އަރާނެހެން ބައެއް މީޑިއާތަކުން ރިޕޯޓު ކުރަމުންދާ ކަމަށެވެ. އަދި އެކަން ވަނީ ކުށްވެރި ކޮށްފައެވެ.
އާސަންދައިން ބުނީ ސިއްޙީ ދާއިރާއަކީ ރައްޔިތުންގެ އިޙްޞާސްތަކާއި ނުހަނު ގުޅިފައިވާ ދާއިރާއެއް ކަމަށެވެ. އެހެންކަމުން އެފަދަ ދާއިރާއެއްގެ ކަންކަން ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުމާއި ނަފްރަތު އުފެދޭ ގޮތަށް މީޑިއާގައި ރިޕޯޓު ކުރުމުން އެފަދަ ކަންކަމުގައި ހިމެނޭ ފަރާތްތަކަށް އިތުރު ހިތްދަތިކަމެއް ލިބިގެންދާނެ ކަމަށްވެސް އާސަންދަ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފަވެއެވެ.
އާސަންދަ ކުންފުނިން މިފަދައިން ބުނެފައި މިވަނީ ދާދިފަހުން ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މަރުވި މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން ފަރުވާ ލަސްކުރި ކަމަށްބުނެ ބައެއް މީޑިއާތަކުގައި ޚަބަރުތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.