ވިޔަފާރި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމާ ގުޅޭގޮތުން މެލޭޝިއާގެ އެސް.އެމް.އީ ބޭންކާއެކު މަޝްވަރާކޮށްފި


ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީތައް ކުރިއެރުވުމާއި ގުޅޭގޮތުން މެލޭޝިއާގެ އެސް.އެމް.އީ ބޭންކާއެކު އިކޮނޮމިކް މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މެލޭޝިއާގެ ސްމޯލް މީޑިއަމް އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ބޭންކް، އެސް.އެމް.އީ ބޭންކަށް ކުރި ޒިޔާރަތެއްގެ ތެރެއިންނެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ބައިވެރިވި ޓީމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ރަޖިސްޓަރަރ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމެވެ.

މެލޭޝިއާގެ އެސް.އެމް.އީ ބޭންކާއެކު ބޭއްވި ބައްދަލުވުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް ކުރިއެރުވުމުގައި، އެ ބޭންކުން ގެންގުޅޭ ސިޔާސަތުތަކާއި، އުސޫލުތަކާއި، އެފަދަ ވިޔަފާރިތަކަށް ފުރުޞަތުދީ، އެފަދަ ވިޔަފާރިތައް ފެށުމަށްޓަކާ ބޭނުންވާ ބިޒްނަޒް މޮޑެލްތަކާއި ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. އަދި މި ބައްދަލުވުމުގައި މެލޭޝިއާގެ އެސް.އެމް.އީ ބޭންކުގެ ފަރާތުން އެބޭފުޅުންގެ ތަޖުރިބާ، ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީގެ ޓީމާއި ހިއްސާކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް މިދާއިރާއިން ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދީ، މި ދާއިރާއަށް މުޅިން އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ނުވަތަ ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން މި ސަރުކާރުން ފުޅާ ދާއިރާއެއްގައި އަންނަނީ ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން ސަރުކާރުން 2015 ވަނަ އަހަރުގެ ތެރޭގައި އިޢުލާންކޮށްފައިވާ އެސް.އެމް.އީ ލޯން ސްކީމް ޕްރޮގްރާމާއި، ޒުވާނުންނަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ "ގެޓްސެޓް" ޕްރޮގްރާމުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.